ވުލްވްސް، އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް

ވުލްވްސް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިން މެތިއަސް ކުންޔާ -- ފޮޓޯ/ ވުލްވަހެމްޕްޓަން ވޮންޑަރާސް އެފް ސީ

ދުނިޔޭގައި ކުޅޭ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފް އޭ ކަޕްގެ ހަތަރުވަނަ ބުރުން ވުލްވަހެމްޕްޓަން ވޮންޑަރާސް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ހަތަރުވަނަ ބުރުން ވުލްވްސް ޖާގަ ހޯދާފައިވަނީ ތިންވަނަ ބުރުގެ ރީޕްލޭގައި ބްރެންޓްފަޑާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ މެދުގައި ކުޅުނު ދެ މެޗަށް ބަލާއިރު ބްރެންޓްފަޑުން ތިން ފަހަރެއްގެ މަތިން ލީޑު ނަގައި އަދި 80 މިނެޓް ވަންދެން އެއް ކުޅުންތެރިއެއް އެޑްވާންޓޭޖް އޮތުމާ އެކު ވެސް މި ކުރިމަތިލުން އެ ޓީމަށް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުކުރީ ބްރެންޓްފަޑްގެއެވެ.

ބްރެންޓްފަޑުން މެޗުގެ 13 ވަނަ މިނެޓްގައި ނޭތަން ކޮލިންސް ޖަހައިދިން ލަނޑުން މެޗުގެ ލީޑު ނެގިއެވެ. ވުލްވްސްގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓްގައި ޖަހައިދީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ނެލްސަން ސަމޭޑޯއެވެ.

މެޗުގައި ދެވަނަ ފަހަރަށް ބްރެންޓްފަޑުން ލީޑު ނަގާފައިވަނީ މެޗުގެ 52 ވަނަ މިނެޓްގައި ނީލް މައުޕޭ ޖަހައިދިން ލަނޑުންނެވެ. ވުލްވްސްއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައި ނޭތަން ފްރޭސާ ޖަހައިދިން ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މި ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށްޓަކައި ޖެހުނީ 15 މިނެޓްގެ އިތުރު ދެ ހާފު ކުޅޭށެވެ.

މެޗުން ވުލްވްސް މޮޅުވި ލަނޑު މެޗުގެ ފުރަތަމަ 15 މިނެޓްގެ ހާފުގައި ދެއްކި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މެތިއަސް ކޫންޔާއެވެ.

މި ކާމިޔާބީއާ އެކު ވުލްވްސް މުބާރާތުގެ ހަތަރު ބުރުން ޖާގަ ހޯދާފައިވާއިރު ހަތަރުވަނަ ބުރުގައި އެ ޓީމު ބައްދަލުކުރަން ހަމަޖެހިފައިވަނީ ވެސްޓް ބްރޮމްވިޗް އެލްބިއަންއާއެވެ.

comment ކޮމެންޓް