ތެހެރާން (16 ޖަނަވަރީ 2024): އިރާގުގެ ކުރުދިސްތާން ސަރަހައްދާއި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް އީރާނުން ދިން ހަމަލާތައް އެމެރިކާއިން ކުށްވެރިކޮށްފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ އެމެރިކާއިން އީރާނުގެ ހަމަލާތައް ކުށްވެރިކުރާ ކަމަށާއި އީރާނުގެ ހަމަލާތަކުގެ ސަބަބުން އިރާގާއި ސޫރިޔާގެ ހަމަޖެހުމަށް ހުރަސް އެޅޭ ކަމަށެވެ. އިރާގުގައި ސުލްހަ ގާއިމް ކުރުމަށް އިރާގު ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމެރިކާ ތާއީދުކުރާކަމަށްވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އީރާނު ބުނާގޮތުން އެގައުމުން ހަމަލާދިނީ އިރާގުގެ ކުރުދިސްތާން ސަރަހައްދާއި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތިބި ސަރަހައްދުތަކުގައިވާ ޓެރަރިސްޓް އަމާޒުތަކަކަށެވެ. އީރާނުގައި ދާދިފަހުން ހިންގި ބޮންގޮއްވުމުގެ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި އިސްކޮށް އުޅުނު މީހުން އީރާނަށް ވަދެފައިވަނީ އަދި ބޮންގޮއްވުމަށް ބޭނުންކުރި ސާމާނު އެތެރެކޮށްފައިވަނީ އިރާގުގެ ކުރުދިސްތާންގެ އިރުބީލް ސިޓީގެ އުތުރުގައިވާ ސަރަހައްދަކުން ކަމަށް އީރާން ބުނެއެވެ.
އީރާނުގެ ބަޔާނެއް ބުނާގޮތުން އެގައުމުން ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ހަމަލާދިނީ އިރުބީލް ސިޓީގެ އުތުރުގައިވާ އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުގެ ޓެރަރިސްޓް މަރުކަޒަކަށެވެ. އީރާނުންވަނީ އިރުބީލްގެ އުތުރުގައިވާ އިސްރާއީލުގެ ޓެރަރިސްޓް މަރުކަޒު ހަލާކުކޮށްލިކަމަށް ބުނެފައެވެ.
އިރާގުގެ ކުރުދިސްތާން ސަރަހައްދަކީ ލާމަރުކަޒީ ގޮތުން ވަކި ވެރިކަމެއް އޮންނަ ސަރަހައްދެކެވެ. އެސަރަހައްދުގައި ލޯކަލް ޕާލަމެންޓަކާއި ބޮޑުވަޒީރަކު ހުންނަވާ ލޯކަލް ސަރުކާރެއް އޮވެއެވެ. ކުރުދިސްތާން ސަރަހައްދަށް އިރާގުގެ މައިސަރުކާރުގެ ބާރު ހިނގަނީ އަސްކަރީ އަދި ސަލާމަތީ ކަންކަމާއި ޚާރިޖީ ގުޅުންތަކާ އަދި ތެޔޮފަދަ ގުދްރަތީ ވަސީލަތްތަކަށެވެ. އެނޫން ހުރިހާ އިދާރީ ބާރުތަކެއް އޮންނަނީ އެސަރަހައްދުގެ ލޯކަލް ސަރުކާރަށެވެ.
އީރާނުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށާއި އީރާނަށް ޖާސޫސު ކުރުމަށްޓަކައި އިސްރާއީލުން އިރާގުގެ ކުރުދީންގެ ބޮލަށް ވަދެގެން ކުރުދީންނާއެކު ސިއްރު ގުޅުންތަކެއް ބާއްވާކަމަށް އީރާނުން ތުހުމަތުކުރެއެވެ. ކުރުދިސްތާނުގައިވާ އިސްރާއީލުގެ ޓެރަރިސްޓް މަރުކަޒުގައި އީރާނުގެ އިދިކޮޅު ފަރާތްތައް ތަމްރީންކޮށް އީރާނުގައި ޓެރަރިޒަމްގެ އަމަލުތައް އިސްރާއީލުން ހިންގާކަމަށްވެސް އީރާނުން ތުހުމަތުކުރެއެވެ.
ދެހާސް ބާވީސް ވަނަ އަހަރުވެސް އީރާނުންވަނީ ކުރުދިސްތާނުގެ ބައެއް ތަންތަނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެފަހަރުވެސް ހަމަލާދިނީ އިސްރާއީލުން ހިންގާ ޓެރަރިސްޓުން ތަމްރީންކުރާ މަރުކަޒަކަށްކަމަށް އީރާން ބުނެފައިވެއެވެ. ނަމަވެސް އީރާނުގެ މިތުހުމަތުތަކަށް ކުރުދިސްތާންގެ ލޯކަލް ސަރުކާރުން އިންކާރު ކުރެއެވެ.
ސީދާގޮތެއްގައި އީރާނަށް އިސްވެ ހަމަލާދޭކަށް އިސްރާއީލަކަށް ނުކުރެއެވެ. އިސްރާއީލުން އީރާނާދެކޮޅަށް ހިންގަނީ އީރާނުގެ އެތެރޭގައި ބޮންގޮއްވައިގެން ސައެންޓިސްޓުން މެރުމާއި އީރާނުގެ ހަތިޔާރުގެ ކާރުޚާނާތަކަށް ހަމަލާދިނުން ފަދަ ޓެރަރިޒަމްގެ އަމަލުތަކެވެ.
މިމަހުގެ ކުރީކޮޅު އީރާނުގައި ބޮންތަކެއް ގޮއްވާލައިގެން 100 އަށް ވުރެގިނަމީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލި ޓެރަރިސްޓް އަމަލުތަކުގެ ފަހަތުގައިވަނީ އިސްރާއީލުކަމަށާއި މި ހަމަލާތައް ދިނުމުގައި އިސްރާއީލު ބޭނުންކުރީ އީރާނުގެ އިދިކޮޅު ފަރާތްތައްކަމަށް އީރާން ބުނެއެވެ.
ބޮންގޮއްވުމުގެ ހަމަލާތައް ދިނުމާއެކު އީރާންވަނީ މިކަމުގެ ބަދަލު އިސްރާއީލުގެ ކިބައިން ހިފާނެކަމުގެ އިންޒާރު ދީފައެވެ.