ޣައްޒާއިން މީހުން ބޭލުމަށް ޚާއްސަ އެޖެންސީއެއް ގާއިމުކުރަނީ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތައް، ފޮޓޯ/ރޮއިޓާސް

ފަލަސްތީނު ސަރަހައްދު ހިފުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވައުދުވެ، ޣައްޒާއިން އަމިއްލައަށް ފައިބައިގެން ދާން ބޭނުންވާ މީހުންނަށް އެހީވުމަށް ޚާއްސަ އޭޖެންސީއެއް ގާއިމުކުރާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެއްޖެއެވެ.

އޭނާ މިމަހުގެ ކުރީކޮޅު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ފުރުމުގެ ހުއްދަ ދިނުމުގެ ޕްލޭނެއް އެކުލަވާލުމަށް ސިފައިންނަށް އަމުރު ކުރައްވާފައިވާ ކަމަށާއި، ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ދުނިޔޭގެ އެކި ތަންތަނަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެ ޓްރަމްޕްގެ ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ހުށަހެޅި ފުރަތަމަ ޕްލޭންގައި އެހެން ގައުމަކަށް އަމިއްލައަށް އެދިގެން ހިޖުރަކުރަން ބޭނުންވާ ޣައްޒާގެ އާންމުންނަށް ދޭ ޕެކޭޖެއް ވެސް ވަނީ އިއުލާނުކޮށްފައެވެ. އޭގެތެރޭގައި ކަނޑުމަގުންނާއި އެއްގަމު މަގުން އަދި ވައިގެ މަގުން ދަތުކުރަން ބޭނުންވާ މީހުންނަށް އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

ޣައްޒާ އަމިއްލަކޮށް އާރާސްތުކުރާނެ ކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމައަށް ފަހު ހަމާސް ވެސް އަދި ފަލަސްތީނު އޮތޯރިޓީ ވެސް އެ ސަރަހައްދުގައި ވެރިކަން ނުކުރާނެ ކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާއިން ޣައްޒާ "އަތުލުމާއި" މިސްރާއި އުރުދުން ފަދަ އެހެން ގައުމުތަކުގައި ފަލަސްތީނު މީހުން އާބާދު ކުރުމަށް ޓްރަމްޕް ތަކުރާރުކޮށް ހުށަހެޅުއްވި ހުށަހެޅުމުގެ މާބޮޑު ތަފުސީލެއް ދެއްވާފައި ނުވާއިރު، އެކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން ޓްރަމްޕަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 48،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ފަނަރަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި 69 އިންސައްތަ ގެދޮރު ހަލާކުކޮށް ގާތްގަޑަކަށް މުޅި ޣައްޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް