އަރަބިއްޔާގައި، ހުރިހާ މާއްދާއެއް އަރަބިން ކިޔަވައިދޭން ޓީޗަރުން ތަމުރީނުކުރަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: އަރަބިއްޔާގައި، އަރަބި ބަހުން ކިޔަވައިދޭން ދިވެހި ޓީޗަރުން ތަމްރީނުކުރަން ވަނީ ނިންމާފައި -- ފޮޓޯ/ އެޑިއުކޭޝަން

އަރަބިއްޔާ ސްކޫލުގައި ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި މުދައްރިސުން ތަމުރީނުކުރަން ޕްލޭނެއް އެކުލަވައިލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓްވިއުއެއްގައި ޝަފީއު ވިދާޅުވީ އަރަބިއްޔާގައި ސްކޫލް މިހާރު ހިންގާ ނިޒާމު ބަދަލުކުރައްވާނެ ކަމަށެވެ. އެނާ ވިދާޅުވީ، އަރަބިއްޔާ ސްކޫލުގައި އެކި މާއްދާތައް އަރަބި ބަހުން ކިޔަވައިދެވޭނެ ދިވެހި މުދައްރިސުން ތަމުރީނުކުރަން ޕްރޮގްރާމެއް ރާއްޖެއާ ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި ކުރިއަށްގެންދާނެ ކަމަށެވެ.

''އެނގިލައްވާނެ އަޅުގަނޑުމެން އިނގިރޭސި ބަހުން، ހަމަ ދިވެހީން މި ކިޔަވައިދެނީ. ހަމަ އެގޮތަށް އަރަބި ބަހުން ކެމިސްޓްރީއާއި ފިޒިކްސްއާއި އެކިއެކި ސައިންސް ސަބްޖެކްޓްތަކުގެ އިތުރަށް ބިޒްނަސް ސްޓްރީމްގެ ސަބްޖެކްޓްތައް އަރަބި ބަހުން ކިޔަވައިދެވޭނެ ދިވެހީން ތަމުރީނުކުރަން ޕްރޮގްރާމެއް އަޅުގަނޑުމެންނާ ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން،'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތިން އަހަރު ނޫނީ ހަތަރު އަހަރުގެ ދުވަހުގެ ތެރޭގައި އަރަބި ބަހުން ކިޔަވައިދިނުމަށް އެކަށީގެންވާ އަދަދަކަށް ދިވެހިން ޓީޗަރުން ތަމުރީނުކޮށް ކިޔަވާދޭން ފަށާނެ ކަމަށެވެ.

''އޭރުން ވަރަށް ބޮޑު ފުރިހަމަ ކަމެއް އަރަބިއްޔާ ހިންގުމުގައި ވެސް، ދިވެހިރާއްޖޭގައި އަރަބި ބަހުުގެ ތައުލީމު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ފަހިވެގެންދާނެ،'' މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/185029

ޝަފީއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަކި ސްކޫލެއްގެ ގޮތުގައި އަރައްބިއްޔާ ފާހަގަކުރައްވާފައިވަނީ އަރަބިއްޔާއަށް ދިމާވެފައިވާ ގޮންޖެހުންތައް ބޮޑުކަމުން ކަމަށެވެ. އަދި، އެ ސްކޫލަކީ ހަމައެކަނި އަރަބިން ރާއްޖޭގައި ކިޔަވައިދޭ ސްކޫލަށްވުމުން އެ ތަަނަށް ހާއްސަ އަހައްމިއްޔަތެއް ރައީސް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާ ޖަމާލުއްދީން ހުރި ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އަރަބިއްޔާ ސުކޫލުގެ، ޒަމާނީ އާ އިމާރާތް އަޅާނެ އެހެން ބިމެއް ވެސް މި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. ސްކޫލު އަޅަން މި ސަރުކާރުން ހަމަޖައްސައިފައިވަނީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށްޓެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކޮންސެޕްޓްތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. އަދި، ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ސްކޫލުގެ ބިންގާ އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލު، ޖާގަ ތަނަވަސް ބިމެއްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގެން އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެއްޓެވުމަކީ ވެސް އެ މަނިކުފާނުގެ ވައުދުފުޅެކެވެ.

comment ކޮމެންޓް