ބާ ޖަމާލުއްދީން ހުރި ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އަރަބިއްޔާ ސުކޫލުގެ ޒަމާނީ އާ އިމާރާތް އަޅާނެ އެހެން ބިމެއް ސަރުކާރުން ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބާޔާނެއްގައި ބުނީ އަރަބިއްޔާ ސްކޫލު އަޅަން މި ސަރުކާރުން ހަމަޖައްސައިފައިވާ އާ ބިމަކީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށިކަމަށެވެ.
އެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާނެކަމަށް ވެސް ސަރުކާރުންވަނީ ބުނެފައެވެ. އެ ކަން ކުރަނީ މި ސަރުކާރުގެ 100 ދުވަހުގެ ޕްލޭންކަމަށްވާ 'ހަފުތާ 14'ގެ ތެރެއިންނެވެ.
އަރަބިއްޔާ ސްކޫލު ޖާގަ ތަނަވަސް ބިމެއްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގެން އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެއްޓެވުމަކީ ވެސް އެ މަނިކުފާނުގެ ވައުދުފުޅެކެވެ.
އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ގިނަ ދަތިތަކެއް ތަހައްމަލުކުރަން ވަނީ ޖެހިފައެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އެ ކަމަށް އެއްވެސް ޙައްލެއް ގެނެސްދެވިފައެއް ނުވެއެވެ.

އަރަބިއްޔާ ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެންވެ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ވަނީ އެތައް ފަހަރެއްގެ މަތިން ނުރުހުން ފާޅުކޮށް، ޝަކުވާތައް ކަމާބެހޭ އިދާރަތަަކަށް ހުށަހަޅައިފައެވެ.
މީގެ ކުރިން 2021ވަނަ އަހަރުގެ ފަހުކޮޅު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ދަރިވަރުން ކިޔަވަން ތިބުމަށް ނުރައްކާތެރިވުމުން ސްކޫލުގެ ހިންގުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން ނިންމައިފައެވެ.
ނަމަވެސް އެ ނިންމުން ވެގެންދިޔައީ އެ ސްކޫލުގެ ބެލެނިވެރިން ހިތްހަމަޖެހުނު ނިންމުމަކަށް ނޫނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައިދެއްވީ އެ މައްސަލައާ ގުޅިގެން، ބެލެނިވެރިންގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހިއްސާކުރުމުންނެވެ.

އާ އިމާރާތް އެޅެންދެން، ވަގުތީ ހައްލެއްގެ ގޮތުން ކުރިން ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތް ވެސް އަރަބިއްޔާ ސްކޫލު ހިންގަން ހަމަޖައްސައިފައިވެއެވެ.
މިހާރު އަރަބިއްޔާގެ ދަރިވަރުން ކިޔަމުން އަންނަނީ ކުރިން ވަގުތީ ގޮތުން ދަރުމަވަންތަ ސްކޫލު ހިންގި ވެލާނާގެއާ އިންވެގެން ހުންނަ އިމާރާތުގައެވެ.