ފެޝަން ޓްރެންޑްތަކަކީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެކެވެ. ހަފުތާއެއްގެ ތެރޭގައި ޓްރެންޑް މުޅިން އައުޓްޑޭޓް ވެދާނެއެވެ. މި ފަހަކަށް އައިސް ފެޝަންގެ ޓްރެންޑްތައް އެއްވަރެއްގައި ހުރިއިރު ގިނަ ދުވަސްވީ ޓްރެންޑުތަކެއް ވަނީ މިހާރު އެއްކޮށް އައުޓްޑޭޓްވެފައެވެ.
މިހާރު އެންމެ މަޝްހޫރު ފެޝަން ޓްރެންޑްތަކަކީ 2000ގެ ކުރީކޮޅު ޒުވާނުން ހެދުން އަޅައި އުޅުނު ގޮތުގެ ޓްރެންޑުތަކެވެ. އެގޮތުން 2000ގެ ކުރީކޮޅުގެ ޒުވާނުން ލައި އުޅުން ހެދުންތައް ނުވަތަ ވައިޓޫކޭ ފެޝަން އަކީ މިހާރު އެންމެ އަޑު ގަދަކޮށް ހުރިހާ ސަރަހައްދުން ފެންނަ އެއްޗެއްސެވެ.
އެންމެ މަގުބޫލު ޓްރެންޑުތަކުގެ ތެރޭގައި ފުޅާ ފަޓުލޫނުތަކާއި ޖީންސްތަކުގެ އިތުރުން އޯވަސައިޒްޑް ޓީޝާޓުތައް ހިމެނެއެވެ. މިހާރު މާލޭގެ މަގުމަތީން ވެސް މުޅީން ފެންނާނީ މި ޓްރެންޑުތަކެވެ.
ނަމަވެސް މި އަހަރާ ދިމާކޮށް މުޅީން ހުއްޓާލަން ޖެހޭ ޓްރެންޑުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަ ޓްރެންޑަކީ ލެގިންސްއެވެ.
އެއް އިރެއްގައި ހުރިހާ އެއްޗެއްސަކާ އެކު ސްކިނީ ލެގިންސްތައް ލައިގެން އުޅުނު ނަމަވެސް މިހާރު މި ޓްރެންޑް ވަނީ ބާވެފައެވެ. ސްކިނީ ލެގިންސްގެ ބަދަލުގައި ބޯކޮށް ހުންނަ ފަޓުލޫނު ސްޓައިލްގެ ޓައިޓްތައް ވަނީ އާންމުވާން ފަށާފައެވެ. މި ޓައިޓުތަކަކީ ތަފާތު އެކި ކަހަލަ ޖީބުތައް ހިމެނޭ ޓައިޓުތަކެކެވެ.
ދެވަނައަށް ދެން ފާހަގަކުރެވޭ ޓްރެންޑަކީ "މޯމް ޖީންސް"އެވެ. މޯމް ޖީންސަކީ 2022 ވަނަ އަހަރުގެ ތެރޭގައި އަނބުރާ އައި ވަރުގަދަ ޓްރެންޑެކެވެ. ހުރިހާ ސަރަހައްދަކުން ވެސް މި ޖީންސް އެ ދުވަސްވަރު ފެނިގެން ދިޔައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ވެސް މި ޖީންސް ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. ނަމަވެސް މިއީ މިއަހަރަށް ބާ ވެފައިވާ ޓްރެންޑެކެވެ.
މޯމް ޖީންސްގެ ބަދަލުގައި މިހާރު މަގުބޫލު ވެފައިވަނީ ފްލެއާޑް ޖީންސެވެ. މިއީ ވެސް 2000ގެ ކުރީކޮޅުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޓްރެންޑެކެވެ.