ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ވާދަކުރައްވާ އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބަލާނެ ކޮމިޓީއެއް ނެތުމުން، އެފްއޭއެމުން ފީފާ އާއި އޭއެފްސީގެ ލަފައަކަށް އެދިއްޖެއެވެ.
އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، އެ މައްސަލަ ބެލުމަށްފަހު ވެލެންސިއާގެ ސިޓީ ބާތިލުކޮށްފައެވެ. އެއާއެކު ބޭނުންވާ އަދަދަށް ކްލަބުތަކުގެ ތާއީދު ނެތުމުން ޓޮމްގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.
ޓޮމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތަށް އެފްއޭއެމުން އެޕީލް ކޮމިޓީއެއް އެކުލަވާލާފައި ނުވުމުން، މައްސަލަ ބަލައި ޓޮމްއަށް ޖަވާބުދޭން ޖެހޭ މުހުލަތުގައި އެ އިދާރާއަށް ޖަވާބުދެވިފައެއް ނުވެއެވެ.
އެފްއޭއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑުގެ ދަށުން އިސްތިނާފުކުރުމުގެ ހައްގަކީ ކަށަވަރުކޮށްދޭން ޖެހޭ ހައްގެއް ކަމަށާއި ނަމަވެސް މިވަގުތު އެ އިދާރާގައި އިންތިހާބީ އެޕީލްސް ކޮމިޓީއެއް އޮންނަންޖެހޭ އުސޫލުގެ ތެރެއިން އެކުލަވާލެވިފައި ނެތުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް އެދި ފީފާ އާއި އޭއެފްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެގޮތުން އެ ފަރާތްތަކާއެކު މިހާތަނަށް ކުރެވުނު މަޝްވަރާތަކަށްފަހު މިކަމުގައި ގޮތް ނިންމުމަށާއި ދެން ކަންކަން ތަރުތީބުކުރަންވީ ގޮތް ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ފީފާ އަދި އޭއެފްސީން ވަނީ މި އެސޯސިއޭޝަނަށް އަންގައިފައެވެ. ވުމާއެކު، މިކަމުގައި ފީފާ އަދި އޭއެފްސީން ކަނޑައަޅާ ގޮތުގެ ތަފްސީލު މި އެސޯސިއޭޝަނަށް ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ..،" އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.
އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ މައްސަލަ ޓޮމްގެ ފަރާތުން ވެސް ވަނީ ފީފާ އާއި އޭއެފްސީއަށް ހުށަހަޅައިފައެވެ. ޓޮމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އިންތިޚާބަށް ހުޅުވާލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން ނުވަ ކުލަބުގެ ތާއީދާއެކު ހުށަހެޅި ކެންޑިޑެސީ ބާތިލުކުރުން ހިމެނެއެވެ. އަދި އެއީ ކުލަބު ވެލެންސިއާގެ ދެ ސިޓީވެސް ސައްހަ ކަމަށް ނިންމައި، ފީފާގެ އަސާސީ ގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް ކަމަށް އޭނާ އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
އެފްއޭއެމްގެ އިންތިޚާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތް ކަމަށް ފާހަގަކުރަމުން ޓޮމް ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު މައްސަލަ އިސްތިއުނާފުކޮށްފައިވީ ނަމަވެސް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް ނުބޭއްވޭ ކަމަށެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ޓޮމް ފާހަގަކުރައްވާފައިވަނީ އެފްއޭއެމް އިލެކްޓޯރަލް ކޯޑުގެ ހަތަރުވަނަ މާއްދާގައި އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިޚާބުކޮށްގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް 2023 ވަނަ އަހަރުގެ ކޮންގްރެސްގައި އިންތިޚާބުކޮށްފައިވުމެވެ.
އެގޮތުން އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ ޖެހިޖެހިގެން ތިން ދައުރު ގަވާއިދާ ހިލާފަށް މެންބަރުކަންކޮށްފައިވާ ކަމަށާއި ވައިސް ޗެއާ އަހުމީމް އަބްދުއްރައްޒާގު އަދި އަބްދުﷲ އަލީ ދެވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާ ހިލާފަށް ކޮންގްރެސްއިން އިންތިޚާބުކޮށްފައިވާ ކަމަށް ޓޮމް ފާހަގަކުރެއްވިއެވެ.
އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލައިގައި އަމަލުކުރާނެ ގޮތަކާ މެދު ފީފާއާއި އޭއެފްސީގެ ލަފައެއް ވެސް ހޯދައިފައެވެ.
އެ މައްސަލަ ބެލުމަށްފަހު އިލެކްޓޯރަލް ކޮމިޓީން ނިންމީ ދެ ކެންޑިޑޭޓުންނަށް ވެސް ދީފައިވާ ވެލެންސިއާގެ ތާއީދު ސިޓީ ބަލައިނުގަތުމަށެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިޚާބުގައި ވާދަކުރުމަށް މަދުވެގެން ތިން ކްލަބެއްގެ ތާއީދު ބޭނުންވާނެއެވެ. ޓޮމް ފޯމު ހުށަހެޅުއްވީ ތިން ކްލަބެއްގެ ތާއީދާ އެކުގައި ކަމަށްވެފައި، އޭގެ ތެރެއިން ވެލެންސިއާގެ ތާއީދު ސިޓީ ބަލައިނުގަތުމަށް ނިންމުމުން މިހާރު އެ އަދަދު ވަނީ ދެ ކްލަބަށް މަދުވެފައެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި މުފާވިޒް ހާޝިމް (މުފާ)، އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ވެލެންސިއާ ހިމެނޭގޮތަށް ހަ ކްލަބެއްގެ ތާއީދާއެކުއެވެ. ޓޮމްގެ ކެންޑިޑެސީއަށް ގޮތެއް ނުނިންމިއްޖެ ނަމަ, މި މަހުގެ 31 ވަނަ ދުވަހު މުފާ ހޮވުމަށް ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.
ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލަ އެ ކްލަބުގެ އެތެރޭގައި ވެސް ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގެ ތެރެއިން ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެސް އެ ކްލަބުގެ ބޯޑުން މިހާރު ވަނީ ނިންމައިފައެވެ.
އެފްއޭއެމުން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދަނީ އެ މަސައްކަތް މަޑުޖައްސާލުމަށް ސްޕޯޓްސް ކޮމިޝަނަރު ވެސް އެދިފައިވަނިކޮށެވެ.