މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން، ކުޅުންތެރީންނަށް ފަރުވާ ދިނުމަށް ގާއިމުކުރި ފުރަތަމަ ފެސިލިޓީއާއެކު ގައުމީ އެތުލީޓުންނަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ހަމަ ޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި، އެތުލީޓުންނަށް ފަރުވާ ދިނުމަށް މެޑިކަލް ރިކުއާމެންޓްސް ފެސިލިޓީ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރާފިއު ވިދާޅުވީ މި ޚިދުމަތަކީ ކުޅިވަރު ކުރިއެރުވުމަށާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ހުރިހާ ބޭނުންތަކެއް ދެނެގަނެ، އެކަން ކަމަށް އަވަސް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ކަމެއް ކަމަށެވެ.
"މި ޚިދުމަތުގެ ސަބަބުން ބޮޑު އިންގިލާބީ ބަދަލެއް ހަމަ ޔަގީނުން ވެސް ކުޅިވަރުގެ މި ދާއިރާއަށް ފެނިގެންދާނެ. ދަނޑުމަތީގައި އެތުލީޓުންނަށް ކުރިމަތިވާ އަނިޔާތަކަށް އެދެވޭ ފެންވަރުގައި ފަރުވާ ދިނުމަކީ ގައުމީ ފެންވަރުގައި އެ ކުޅުންތެރިންނަށް ލިބެންޖެހޭ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަދު އިފުތިތާހު ކުރި ފެސިލިޓީގެ ސަބަބުން އެތުލީޓުންނަށް ދިމާވާ ނުރައްކާތެރި އަނިޔާތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށެއެވެ. އަދި އެތުލީޓުންނަށް ގަވާއިދުން ތެރަޕީ ނެގޭ ގޮތް ހަމަޖެހޭނީ މާދަމާއިން ފެށިގެން ކަމަށާއި އެކަމަށް ޓަކައި ޚާއްޞަ އެޕްލިކޭޝަނެއް ވެސް ތައާރަފު ކުރާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ތި ކުދިންނަށް މި ތެރަޕީ ހެދުމަށްޓަކައި، އެޕްލިކޭޝަނެއްވެސް މި ހަފުތާ ތެރޭގައި އޮލިމްޕިކް ކޮމިޓީން ތިކުދިންނަށް އިންޓްރޮޑިއުސް ކޮށްގެން އެކަން ވެސް އެޕްލިކޭޝަން މެދުވެރިކޮށް އެފޮއިންޓްމަންޓް ހެދުމުގެ ކަންތަށް ވެސް ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ފެސިލިޓީތައް ގާއިމުކުރާއިރު، އެ ތަންތަނުގައި ޚިދުމަތް ދޭނެ ފަސްޓް އެއިޑް ޚިދުމަތްތެރިން ތަމްރީނު ކުރުމުގެ ކަންތައްތައް މޯލްޑިވްސް އޮލިޕްކްސް ކޮމިޓީއާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ.