ހެނދުނުގެ ނާސްތާ ކަޓުވަނީތަ؟ ކަންބޮޑުވާން ޖެހޭ

މުޅި ދުވަހުގެ ކެއުމުގެ ތެރެއިން އެންމެ މުހިއްމު އެއް އާދައަކީ ހެނދުނުގެ ނާސްތާއެވެ. ސިއްހަތާ ގުޅޭ އެތައް މާހިރުން ބުނާ ގޮތުގައި ހެނދުނުގެ ނާސްތާއަކީ އެންމެ މުހިއްމު ކެއުމެވެ. ނަމަވެސް ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން މިއީ އެންމެ ގިނައިން ކަޓުވާ ވެސް ލެވޭ އެއް އާދައެވެ. އެހެންވީމާ މިއީ ކަންބޮޑުވާން ޖެހޭނެ ކަމެއް ހެއްޔެވެ؟

މަސައްކަތުގެ މާހައުލުގައި ގިނަ ބަޔަކު ހަރަކާތްތެރިވާއިރު އޮފީސްތަކާއި އެ ނޫން ވެސް އެހެން ހުރިހާ ތަނަކަށް ވަރަށް ހެނދުނާ ނުކުންނަން ޖެހެއެވެ. ގިނަ ފަހަރަށް އޮފީހަށް ދާއިރު އަދި ރަނގަޅަށް ހޭލަން ވެސް ވަގުތު ނުލިބެއެވެ. އެ ހާލަތުގައި ހެނދުނުގެ ނާސްތާ ނަގާނީ ކިހިނެއް ހެއްޔެވެ؟

"ގިނަ ފަހަރަށް ހަމަ ކިރިޔާ އޮފީހަށް ދެވޭހާ ކޮށްފައި ހަމަ ހޭލަނީ. ދެން އެހެންވީމާ ހެނދުނު ސައި ބޯނީ ކިހިނެއް؟،" އެކަނި ދިރިއުޅޭ އުމުރުން 28 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ހެނދުނު ކުރީން ތެދުވެ ނާސްތާ ތައްޔާރުކުރަން ވަރަށް ވިސްނައެވެ. ނަމަވެސް ގިނަ ފަހަރަށް ހޭލެވޭއިރު އެހާ ހިތްވަރު ނުހުންނަނީއެވެ.

ނަތީޖާއެއްގެ ގޮތުން އޮފީހަށް ދާއިރު ހުންނާނީ ހުސްބަނޑާއެވެ. އަދި، ގިނަ ފަހަރަށް ނާސްތާ ހަމަޖައްސަން ޖެހޭނީ ކޮންމެ ވެސް ތަނަކުން ގަނެގެންނެވެ. އެކަމަކު، ކޮންމެ ދުވަހަކު ކުރުމަށް މިއީ މާ ފަސޭހަ ކަމެއް ނޫނެވެ.

އަނެއް ބަޔަކު ނާސްތާ ފުރިހަމަ ކުރާނީ ކޮފީއަކުންނެވެ. ދެން ދުވަހުގެ ބޮޑު ބައެއް ނިމޭނީ ހަމައެކަނި ކޮފީ ތަށްޓާއެކުގައެވެ. މިއީ އެހާ ރަނގަޅު އާދައެއް ނޫނެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގައި އާންމުކޮށްފައިވާ ދިރާސާއެއްގައި އިޝާރާތް ކުރާ ގޮތުން އާންމުކޮށް ހެނދުނުގެ ނާސްތާ ނުނަގާ ނަމަ އޭގެ ސަބަބުން އޮބީސިޓީއާއި ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންތައްތަކާ ގުޅުން އެބަހުއްޓެވެ. އިންސްޓިޓިއުޓްގެ ކާޑިއޯވެސްކިއުލާ ޖާނަލްއިން 2022 ވަނަ އަހަރު އާންމުކޮށްފައިވާ ދިރާސާއިން ހާމަވާ ގޮތުގައި ހެނދުނުގެ ނާސްތާ ނުނަގާ ނަމަ އޭގެ ސަބަބުން ބައެއް ކަހަލަ ގޯސް އާދަތަކަށް މަގުފަހިވެއެވެ.

އެގޮތުން ސިނގިރޭޓު ބުއިން އިތުރުވުމާއި ގިނައިން ކެފެއިން ނެގުން ފަދަ ކަންތައް ހިމެނެއެވެ. އަދި، ހެނދުނުގެ ނާސްތާ ނުނެގުމުން ހަކަތަ ނެތި އެއާއެކު މީހާ އެކްޓިވްވާ މިންވަރު ކުޑަވެއެވެ. މި ހުރިހާ ކަންތައްތަކަކީ މީހާގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަންތައްތަކެވެ.

އެހެންވީމާ ހެނދުނުގެ ނާސްތާ ގަވާއިދުން ނެގޭ ފަދަ އާދަތައް އިތުރު ކުރުމަކީ އަމިއްލަ ނަފުސަށް ހަމަ ބާރު އަޅަން ޖެހޭ ކަމެކެވެ. މިކަން ކުރުމަށް ހަފުތާ ބަންދުގައި މީލް ޕްރެޕް ކުރެވިދާނެއެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާއަށް ވާ ވަރަށް ކާ އެއްޗެހި ތައްޔާރުކޮށް ރެފްރިޖެރޭޓް ކުރާށެވެ. އަދި، އޮފީހަށް އެ ގެންގޮސް ހޫނު ކޮށްލައިގެން ކެވޭ ފަދަ އާދަތައް އާންމުކުރުން ވަރަށް މުހިއްމެވެ.

comment ކޮމެންޓް