ދެން ފެށޭ ދިރާސީ އާ އަހަރާ އެކު ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ފަށަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަން ސަރުކާރުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ފެށޭ ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނިޒާމް ވިދާޅުވީ، ވަކި މާއްދާއެއް ދިވެހި ގައުމިއްޔަތުގެ ގޮތުގައި ތައުލީމީ މަންހަޖުގައި ހިމެނުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅައިފައިވާ ކަމަށެވެ.
އެ މާއްދާ ގައުމީ މަންހަޖުގައި ހިމެނުމަކީ ވަރަށް މުހިންމު މަގުސަދުތަކަކަށްޓަކައި ކުރާ ކަމެއްކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
"އެގޮތުން ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި، އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރި ވެފައިވާ ޖީލެއް ބިނާކުރުމަށް ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަގުސަދުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ގައުމީ މަންހަޖުގައި ހިމެނުއްވުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިރާސީ އާ އަހަރު ފެށޭ އިރަށް ދިވެހި ގައުމިއްޔަތު މާއްދާ ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ނިންމައިފައިވާ ކަމަށެވެ. އަދި، ގައުމީ މަންހަޖުގައި މި މާއްދާ ހިމެނުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ކަމާ ގުޅުންހުރި ކަންކަމުގައި ރައީސް އޮފީހާ މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާގޮތުން މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30 ގައެވެ. ދިރާސީ އާ އަހަރު މެއި 26 ގައި ފަށައި، އަންނަ 2025 ގެ ފެބްރުއަރީގައި ނިންމާނެއެވެ.