މިރެއިން ފެށިގެން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މެންދަމު 01:00އާ ހަމަޔަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން، ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.
އިކޮނަމިކް މިނިސްޓްރީން ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ފަތިހު 05:30 އިން މެންދަމު 01:00 އަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ކަމަށް ބުނެފައެވެ.
އަދި ރަމަޟާންމަހު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން، ހަވީރު 05:30 އިން މެންދަމު 03:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ކަމާ ގުޅިގެން ހީނާ ވިދާޅުވީ މިރޭ ވެސް މުދާ ވިއްކާ ތަންތަން މެންދަމު 01:00 ގެ ނިޔަލަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަވާ ގޮތަށް ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ ސަރުކާރުން ނުހަނު އެދޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކަލަންޑަރުގައިވާ ގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމައެވެ.
ރަމަޟާންމަހަކީ ރައްޔިތުންނަށް ލުއިފަސޭހަ މަހެއްގެ ގޮތުގައި ހެދުމަށް ޓަކައި ސަރުކާރުންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ގޮތުން މި ރަމަޟާންމަހު ކަރަންޓު ބިލާ ފެން ބިލުން ވެސް މަދުވެގެން 10 ޕަސެންޓު ޑިސްކައުންޓު ދޭނެވަނީ ނިންމައިފައެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގައި ވެސް މި ބިލުތަކުން ޑިސްކައުންޓު ދިނެވެ.