އާޒިމް ކާމިޔާބު ހޯދުމަކީ ހައްސާސް ދަނޑިވަޅެއްގައި ލިބުނު މުހިންމު މެސެޖެއް: ފައްޔާޒު

މާލޭ މޭޔަރު ކަމަށް ވާދަކުރަން އެމްޑީޕީ ޓިކެޓަށް އެދި އާޒިމް ފޯމް ހުށަހެޅުއްވުން: ފައްޔާޒު ވަނީ އާޒިމް މޭޔަރުކަން ހޯއްދެވުމަކީ ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ: އިންފިނިޓް މޯމެންޓްސް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަން އާދަމް އާޒިމް ކާމިޔާބުކުރެއްވުމަކީ، ހައްސާސް ދަނޑިވަޅެއްގައި ލިބުނު މުހިންމު މެސެޖެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މާލޭގެ ރައްޔިތުން އަދި ޖުމްލަކޮށް ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބެއް ކަމަށެވެ.

އެ ޕޯސްޓްގައި އޭނާ ވަނީ ބައި އިލެކްޝަން ކާމިޔާބު ކުރެެއްވި ކަމަށް ޓަކައި އާޒިމަށާއި އެ ޕާޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އެ ޕޯސްޓާއެކު އެމްޑީޕީގެ ޗެއާޕާސަން އިބްރާހީމް ވަހީދު، ފައްޔާޒަށް މަރުހަބާ ވިދާޅުވިއެވެ. އަދި ފައްޔާޒު މުޅި ޕާޓީ ގޮވައިގެން ކެމްޕެއިން ކުރައްވައި، މުހިންމު ވަގުތެއްގައި ޕާޓީއަށް ފުރިހަމަ ކާމިޔާބީއެއް ހޯއްދަވައިދެއްވައިފި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކޮށް، އޭރުގެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަން ހޯއްދެއްވީ 54 ޕަސެންޓު ވޯޓުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އާޒިމްގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ރިޔާސީ އިންތިޚާބުގައި ހެދި ފަދަ 'މިސްޓޭކެއް' މޭޔަރު އިންތިޚާބުގައި ނުހެދުމަށް އެދިވަޑައިގެންފައެވެ. އަދި މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އެ މަނިކުފާނު އެ ރޭ ވިދާޅުވިއެވެ.

https://sun.mv/187261

މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އާޒިމް ވަނީ 7،621 ވޯޓު ހޯއްދަވައިފައެވެ. އެއީ، ވޯޓުލާން ނުކުތް 17،500 މީހުންގެ ތެރެއިންނެވެ.

އާޒިމްއަށް ފަހު އެންމެ ގިނަ ވޯޓު ހޯދައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރެވެ. އެއީ، 5،032 ވޯޓެވެ.

comment ކޮމެންޓް