ހުޅަނގުގެ ހިމާޔަތް ލިބިފައިވާ ޔަހޫދީ އިސްރާއީލު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް!

ބައިނަލްއަގްވާމީ އިންސާފުގެ ކޯޓު

އިސްރާއީލުން ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމަށްޓަކައި ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން އިއްޔެ މިވަނީ ނިންމާލައިފައެވެ.

ދުނިޔޭގެ 60އަށް ވުރެ ގިނަ ގައުމުގެ ތާއީދާއެކު ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅި މިމައްސަލާގައި ފުރަތަމަ ފަހަރަށް އިސްރާއީލު މިވަނީ ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފައެވެ.

މިއީ އެމެރިކާއާއި ޔޫރަޕްގެ ހިމާޔަތާއެކު މަތިހަށި ފުއްޕައި ބައިނަލްއަގްވާމީ ގާނޫނުން ބޭރުގައި ޒަމާނުއްސުރެ އުޅެމުންގެންދާ ޔަހޫދީ އިސްރާއީލަށް ހަޖަމު ކުރެވޭވަރަށް ވުރެ މާބޮޑު އަދި މާތާރީޚީ މައްސަލައެކެވެ.

ބައިނަލްއަގްވާމީ ކޯޓުގެ ކުރިމައްޗަށް އިސްރާއީލު ހާޒިރުކޮށް ޖަވާބު ދާރީވާން ޖެހުމުން އިސްރާއީލަށާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކަށްވަނީ ބޮޑު ޝޮކެއް ލިބިފައި ކަމަށް މިމައްސަލަ ދިރާސާ ކުރައްވާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

ދެކުނު އެފްރިކާއިން މިމައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅީ އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކައި ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ބައިނަލްއަގްވާމީ ކޯޓަށް ސާބިތުކޮށްދެވޭވަރުގެ ހެއްކާއި ގަރީނާގެ އިތުރުން މަންޒަރުތަކާއި ޑޮކިއުމަންޓްތަކާ އެކީގައެވެ. ދެކުނު އެފްރިކާގެ ގާނޫނީ ޓީމުން ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅި ދައުވާގެ ލިޔުންތަކުގައި އެކަނިވެސް 83 ސަފުހާ ހިމެނެއެވެ.

ދެކުނު އެފްރިކާގެ ގާނޫނީ ޓީމު

ދެކުނު އެފްރިކާގެ ގާނޫނީ ޓީމުންވަނީ ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތައް ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދަނީ އެކަމަށް ރާވައި ތައްޔާރުވެގެންކަންވެސް ކޯޓަށް ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ.

މީގެތެރޭގައި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ވަސް ފުހެލާނެކަމަށާއި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލައި ހަނގުރާމައަށްފަހު ޣައްޒާގައި ފަލަސްތީނު ރައްޔިތުން ނޫޅޭނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޔަހޫދީ އެހެން މަސްއޫލުވެރިން ދީފައިވާ ބަޔާންތައް ހިމެނެއެވެ.

މިގޮތުން އެޓޮމްބޮން އަޅައި ޣައްޒާގެ އާންމުންގެ ވަސް ފުހެލާނެކަމަށް އިސްރާއީލުގެ މަސްއޫލުވެރިން ދައްކާފައިވާ ވާހަކަތަކާއި ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށާއި ބޯފެނާއި ކަރަންޓާއި ސްކޫލްތަކާއި ހިޔާވަހިތަކަށް ހަމަލާދެނީ ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންނަށް ނޫޅެވޭނެ ތަނަކަށް ހެދުމުގެ ބޭނުމުގައި ކަމަށް އިސްރާއީލުގެ ހަރުކަށި މަސްއޫލުވެރިން ދައްކާފައިވާ ވާހަކަތައް ހިމެނެއެވެ. މި ވާހަކަތައް މި އަޑުއެހުމުގައި ދެކުނު އެފްރިކާގެ ގާނޫނީ ޓީމުންވަނީ ބައިނަލްއަގްވާމީ ކޯޓަށް ހުށަހަޅައި އިސްރާއީލު ބޭޒާރުކޮށްލާފައެވެ.

މީގެއިތުރުން ފަލަސްތީނު މީހުން ޣައްޒާއިން ބޭރުކޮށްލުމަށްފަހު ޣައްޒާގައި ދެން ވަޒަންވެރިކުރުވާނީ ޔަހޫދީ ވަޒަންވެރިންކަމަށް ބުނެ ޔަހޫދީ މަސްއޫލުވެރިން ދައްކާފައިވާ ވާހަކަތައްވެސް ދެކުނު އެފްރިކާގެ ޓީމުންވަނީ ބައިނަލްއަގްވާމީ ކޯޓަށް ހާމަކޮށްފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާކަން ސާބިތުކުރުމަށް ބޭނުންވާ މައިގަނޑު އެއްކަމަކީ އެކަންކުރަނީ އެކަމަށް ދުރާލައި ރާވައިގެންކަން ސާބިތުވުމެވެ. އެކަންމިވަނީ އިސްރާއީލުގެ މަސްއޫލުވެރިންގެ ވާހަކަތަކުން ސާބިތުވެފައެވެ.

ދެވަނަ ކަމަކީ އިސްރާއީލުން ޙަމަލާދެނީ ސީދާ އާންމުން މެރުމުގެ މަގްސަދުގައިކަން ސާބިތުވުމެވެ. މިކަން ސާބިތުވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށާއި ބޯފެނާއި ކަރަންޓާއި ސްކޫލްތަކާއި ހިޔާވަހިތަކަށް ހަމަލާދީ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު މަރަމުން ގެންދާތީއެވެ.

ޔަހޫދީ އިސްރާއީލުގެ ވަކީލުންގެ ޓީމު

އިސްރާއީލު ހަމަލާދޭ ޣައްޒާގެ އެއްވެސް ހޮސްޕިޓަލެއްގައި ހަމާސްގެ މުޖާހިދުން ތިބޭކަމާއި މުޖާހިދުންގެ ކޮމާންޑް ސެންޓަރުތައް ވާކަމާއި މުޖާހިދުންގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިތަންތާނގައި ތިބޭކަން އިސްރާއީލަށް ސާބިތުކޮށް ދެވިފައިނުވާތީއެވެ. އެހެންކަމުން އެތަންތަނަށް ގަސްދުގައި އިސްރާއީލުން ބޮންއަޅަނީ އާންމުން މަރައި ނަސްލު ނައްތާލުމުގެ ބޭނުމުގައިކަންވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.

ދެކުނު އެފްރިކާގެ ޓީމުން އިސްރާއީލާ ދެކޮޅަށް ހުށަހެޅި ނަސްލު ނައްތާލުމުގެ ދައުވާގެ ރައްދުގައި އިސްރާއީލުގެ ގާނޫނީ ޓީމަށް އެއްވެސް ހުއްޖަތެއް އަދި ގާނޫނީ ރައްދެއް ދެވިފައެއް ނުވެއެވެ. ރައްދުގައި އިސްރާއީލުގެ ޓީމުން ދެއްކި ހުރިހާ ވާހަކައަކީވެސް އިސްރާއީލުން ޣައްޒާގެ އާންމުން މަރަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ ހަދާ ދޮގުތަކެވެ.

ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން ޣައްޒާއަކީ ފަލަސްތީނުގެ ބިމެކެވެ. އަދި ޣައްޒާއަށް އިސްރާއީލު އަރައިގެންފައިވަނީ އިސްތިއުމާރީ އުސޫލުންނެވެ. މިހާލަތުގައި އަމިއްލަ ނަފްސުގެ ދިފާއެއް ނޯންނާނެއެވެ. އެހެން ބައެއްގެ ބިމުގައި އަމިއްލަ ނަފްސު ދިފާއެއް ނުކުރެވޭނެއެވެ. އެހެންކަމުން އިސްރާއީލު ޣައްޒާއަށް އަރައި ދިފާއުކުރަނީ އިސްރާއީލުގެ އަޅުވެތިކަމެވެ. އިސްރާއީލުގެ އިސްތުއުމާރެވެ. ނުވަތަ އޮކިއުޕޭޝަން އެވެ.

ގާނޫނީ މާހިރުން ވިދާޅުވާގޮތުގައި އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލަށް ބައިނަލްއަގްވާމީ ކޯޓުގެ ކުރިމަތީގައި އެއްވެސް ރައްދެއް ދެވިފައެއް ނުވެއެވެ. އިސްރާއީލުގެ ޓީމުގެ ވާހަކަތަކަކީ އެއްވެސް ބުރަދަނެއްނެތް ވާހަކަތަކެކެވެ. ބައިނަލްއަގްވާމީ ގާނޫނުގެ ގޮތުން ބަލާއިރު އެއްވެސް އަސާސެއްނެތް ވާހަކަތަކެކެވެ.

ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި ދުނިޔޭގެ 60އަށް ވުރެ ގިނަ ގައުމުން ދެކުނު އެފްރިކާގެ މިދައުވާއަށް ތާއީދުކޮށްފައިވާއިރު އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދުކުރީ އެންމެ ދެގައުމެވެ. އެއީ އެންމެ ޑިމޮކްރެޓިކް ކަމަށް ދައުވާކުރާ އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތު ކުރާ އެމެރިކާއާއި އިނގިރޭސިވިލާތެވެ. އެހެންކަމުން މުޅި ދުނިޔޭން އިސްރާއީލަށް ތާއީދުކުރީ މިދެގައުމު އެކަންޏެވެ.

މިއީ ދުނިޔޭގައި އެމެރިކާއާއި އިސްރާއީލާ އަދި އިނގިރޭސިވިލާތް އެކަހެރި ވެފައިވާ މިންވަރާ އަދި މިތިން ގައުމަކީ ދުނިޔޭގައިވާ ޝައިތާނީ ނާރެސްކަން ހާމަކޮށްދިން ކަމެކެވެ.

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުގައި ނަސްލު ނައްތާލުމުގެ ދައުވާކުރިއިރު އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އަރަބި އެއްވެސް ގައުމަކަށްވަނީ މިކަން ކުރަން ނުކުރިފައެވެ. ބިރުންނެވެ. ފިނޑިކަމުންނެވެ. އަރަބިންގެ އެއްބައިވަންތަކަން ނެތުމުންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން ދެކުނު އެފްރިކާއަށްވެސް އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތައް ވަރަށް ބޮޑެވެ. ނަމަވެސް ދެކުނ އެފްރިކާގެ ރައީސް ސީރިލް ރަމަފޯޒާ ވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެގައުމަށް ލިބުނު އާދަޔާ ޚިލާފު އުފަލެއްކަމަށް ސިފަކުރައްވައި ހައްގާއި އިންސާފަށްޓަކައި ފިއްތުންތަކާ ކުރިމަތިލަން ތައްޔާރަށް ހުންނެވި ކަމަަށް ވިދާޅުވެފައެވެ.

ފަލަސްތީނު ރައްޔިތުން ޔަހޫދީ އިސްރާއީލުގެ އަޅުވެތި ކަމުގައި އުޅޭއުޅުން ނިމުމަކަށް ގެނަސްގެން ނޫނީ ދެކުނު އެފްރިކާ ގެ ރައްޔިތުންނަށް ހިތްހަމަޖެހުން ނުލިބޭނެކަމަށް ރަމަފޯޒާ ވިދާޅުވިއެވެ.

އެމެރިކާގެ ތާއީދުއޮތް ޔޫރަޕްގެ ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ އަޅުވެތިކަމުން ދެކުނު އެފްރިކާ މިނިވަންވީ ނެލްސަލް މަންޑޭލާގެ ޖިހާދުގެ ސަބަބުން 1994 ވަނަ އަހަރުއެވެ.

ނަސްލީ އިމްތިޔާޒުގެ އަޅުވެތިކަމުން ދެކުނު އެފްރިކާ މިނިވަންވި ނަމަވެސް އެއަށް ވުރެ މާބޮޑު ނިކަމެތި އަދި އަނިޔާވެރިކަމެއްގައި އުޅެމުންދާ ފަލަސްތީނު ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ނުލިބެނީސް ދެކުނު އެފްރިކާގެ ރައްޔިތުންނަށް ހަގީގީ އުފާ ނުލިބޭކަމަށް ރައީސް ރަމަފޯޒާ ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލުން ދުނިޔެއަށް ބޮޑާކަމާއި ކިބުރުވެރިކަން ދައްކައި ފަލަސްތީނު އަޅުވެތިކޮށް އަނިޔާވެރިކަން ކުރިޔަށް ނެރެ ފުއްޕާފައި ދުނިޔޭގެ ގާނޫނުތަކަށް ވުރެ މަތީގައި އަންޓަޗަބުލް ގައުމެއްގެ ގޮތުގައި އުޅެމުންދަނީ އެމެރިކާއާއި ޔޫރަޕްގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންނެވެ. ހިޓްލަރު ދެވަނަ ބޮޑު ހަނގުރާމައިގާ ޔަހޫދީންނާ ދެކޮޅަށް ހިންގިކަމަށް ބުނާ ހޮލޮކޯސްޓް ސަބަބަކަށް ހަދައި ހޮލޮކޯސްޓް ބޭނުންކޮށްގެން ބައިނަލްއަގްވާމީ މުޖްތަމައާއި ދުނިޔޭގެ ގައުމުތައް ބްލެކް މެއިލް ކޮށްގެންނެވެ.

ނަމަވެސް ދެކުނު އެފްރިކާގެ މަސައްކަތުން މިފަހަރު މިއޮތީ ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޔަހޫދީ އިސްރާއީލު ހާޒިރުކޮށްފައެވެ. މިއީ ވަރަށް ތާރީޚީ ކަމެކެވެ. އިންސާފަށް ލިބުނު ބޮޑު ކާމިޔާބެކެވެ. އަނެއްކޮޅުން އެމެރިކާއާއި އިނގިރޭސިވިލާތްފަދަ އަނިޔާވެރިކަމަށް ވާގިވެރިވާ ހުޅަނގުގެ ޓައިރަނީ އިސްތިއުމާރީ ބާރުތަކަށް (ހުޅަނގުގެ ޝައިތާނީ ނާރެހަށް) ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ.

މިމައްސަލަ ބައިނަލްއަގްވާމީ ކޯޓުން އިސްރާއީލުގެ މައްޗަށް ސާބިތުވެއްޖެނަމަ އެމެރިކާގެ ބާރުގައި އިސްރާއީލަށް މާބޮޑު އަދަބެއް ނުދެވުނަސް އެމެރިކާއާއި އިސްރާއީލާއި އިނގިރޭސިވިލާތަށް އަޚުލާގީ ވަރުގަދަ ފިލާވަޅެއް ލިބޭނެއެވެ. ދުނިޔޭގެ ގައުމުތަކުން ހިމޭންގޮތެއްގައި އިސްރާއީލަށް އަދަބު ނުލިބިއެއް ނުހުންނާނެއެވެ.

ނަސްލު ނައްތާލުމުގެ ސިއްކަ އިސްރާއީލުގެ ބޮލުގައި ރަސްމީ ގޮތުން ޖެހޭނެއެވެ. ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގުމަށް ވާގިވެރިވާ ކަމުގެ ސިއްކަ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޮލުގައި ޖެހޭނެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ގައުމުތައް އިސްރާއީލާ ގުޅުންތައް ކަނޑާލަން މަޖުބޫރުވާނެއެވެ.

ނަތީޖާއަކީ މިހާރަށްވުރެވެސް ބޮޑަށް އިސްރާއީލު ބާކީވެ އެކަހެރިވެގެން ދިޔުމެވެ. އިސްރާއީލަކީ ކުށްވެރި މުޖުރިމް ގައުމެއްކަން ބައިނަލްއަގްވާމީ ކޯޓުގެ ކޯޓުގެ ހުކުމުން ސާބިތުވެފައިވާ ކަމުގެ ލޭބަލް އިސްރާއީލުގައި ޖެހިގެން ދިޔުމެވެ.

comment ކޮމެންޓް