ފޯރިގަދަ ކެމްޕޭނަށް ފަހު، މާލޭ މޭޔަރު ހޮވަން ވޯޓުލާން ފަށައިފި

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރު ކަމާއި، މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ މިއަދު ވިއްސާރަވުމުގެ ސަބަބުން ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފައެވެ.

އިންތިޚާބުގެ ވޯޓުލުން މިހާރު ވަނީ ފަށައިފައެވެ.

މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 54680 އަށްވުރެ ގިނަ މީހުންނަށް ލިބެއެވެ.

ވޯޓުލާތަން ޗެކް ކުރުމަށް VR (space) NID ޖެއްސުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމަށް އީސީއިން އެދެއެވެ.

މާލޭ ސިޓީގެ މޭޔަރުކަން ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނޮބެމްބަރު 17 ގައި ވަނީ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ފަހުން، މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ކައުންސިލަރުން ވެސް ވަނީ ސަރުކާރުގެ ބައެއް މަގާމުތަކާ ހަވާލުވެވަޑައިގަންނަވަން މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، އެ ދާއިރާތަކަށް ކައުންސިލަރުން އިންތިޚާބުކުރުން ވެސް މިއަދު އޮންނާނެއެވެ.

މިއަދުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ޖެހެންދެން ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތް ނަމަވެސް، މާލެއަށް އިއްޔެ ވަރަށް ގިނައިން ވިއްސާރަކުރުމުގެ ސަބަބުން ރޭ އީސީން ވަނީ ވޯޓުލުން މިއަދުގެ ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފައެވެ.

މާލޭގެ މޭޔަރުކަމަށް މި އިންތިޚާބުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ،

  • ޝުއައިބު އަލީ (ފުރަހަނި) - އަމިއްލަ ގޮތުން
  • ހުސައިން ވަހީދު - ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން
  • މުހައްމަދު ސައިފް ފާތިހު - ދަ ޑިމޮކްރެޓްސް
  • އާދަމް އާޒިމް - އެމްޑީޕީ
  • އާއިޝަތު އާޒިމާ ޝަކޫރު - ޕީއެންސީ
comment ކޮމެންޓް