ރައީސް ޗައިނާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވައިލައްވައިފި

ރައީސް މުއިއްޒުގެ ދެކަނބަލުން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުންނާއެކު --- ފޮޓޯ/ ރައީސް އަފީސް

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތުފުޅަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ތާރީޚީ ފުރަތަމަ ފުރަމާނަ ދަތުރުފުޅު މިރޭ ނިންމަވައިލައްވައިފިއެވެ.‎

މި ދަތުރުފުޅުގެ ތެރެއިން ރައީސްވަނީ ޗައިނާ ސަރުކާރުގެ އެންމެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފައެވެ.

އެގޮތުން ޗައިނާގެ ރައީސްއާއި، އެ ގައުމުގެ ޕްރިމިއާއާއި ވައިސް ޕްރިމިއާއާ ބައްދަލުކުރައްވައި މުހިންމު ވާހަކަފުޅުތައް ދެއްކެވިއެވެ.

އެ ބައްދަލުވުންތަކުގައި ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަކީ މި ސަރުކާރުން އެ ގައުމު ބަލައިގަންނަ މިންވަރާއި، އޮތް ގާތް ގުޅުން ހާމަވާ ކަމެކެވެ. އަދި ޗައިނާއިން ރާއްޖެ ބަލައިގަންނަ މިންވަރު ވެސް ހާމަވާ ކަމެކެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި އެ ގައުމާ ދެމެދު މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ ރާއްޖެއަށް އެކި ދާއިރާތަކުން ތަރައްގީ ގެނައުމަށް ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތަކެކެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ޗައިނާގެ އެޅުމާއި، ފްރީ ޓްރޭޑް އެގްރިމަންޓުގެ ދަށުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނަށް، ޗައިނާގައި އެތެރޭގެ އުދުހުންތައް ކުރިއަށް ގެންދަން ފުރުސަތު ދިނުން ހިމެނެއެވެ.

https://sun.mv/187229

ހަމައެއާއެކު ވިލިމާލޭގައި ތަރައްގީކުރަން ނިންމައިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ވެސް ޗައިނާގެ ހިލޭ އެހީގައި ގާއިމްކުރުން ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސްވަނީ މި ސަރުކާރުން ފަށައިފައިވާ ވެލާނާ އިންޓަނޭޝަަލް އެއާޕޯޓު މަޝްރޫއު ހިންގަން ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް އެދިވަޑައިގެންފައެވެ.

https://sun.mv/187127

ހަމައެއާއެކު ދަތުރުފުޅުގެ ތެރެއިން ސަގާފީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފައިވެއެވެ.

‎ހަމައެއާއެކު ޗައިނާގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފޯރަމްގައި ‎ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި އެންމެ މުހިންމު އެއް ބައިވެރިއާ ކަމަށެވެ.

ރައީސްގެ ‎ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް