އެއާޕޯޓު މަޝްރޫއަށް ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ރައީސް އެދިވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިހި އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއްގެ ދަށުން، ހިންގާ ތަރައްްގީގެ ބިޔަ މަޝްރޫއަށް، ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ޗައިނާގައި މިއަދު ހެނދުނު އޮތް އިންވެސްޓް މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީއަށާއި، ތިލަފުށީގައި ތަަރައްގީކުރާ ވިޔަފާރީ ބަނދަރުގެ މަސައްކަތަކީ މި ސަރުކާރުގެ އެންމެ މުހިންމު މަސައްކަތްތައް ކަމަށެވެ.

އެއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއާ އެއްގޮތްވާ މަޝްރޫއުތަކެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވާ އެއްގޮތްވާ ފްރޭމް ވޯކެއްގެ ދަށުން، މި މަޝްރޫއުތަކަށް ޕާޓްނާޝިޕް ހަދައިގެން ކުރިއަށް ދިއުމަކީ ދިވެހި ސަރުކާރުން ވަރަށް އުންމީދު ކުރާ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/186956

ރައީސް ވިދާޅުވީ މި ސަރުކާރުން ބައިވެރިވާ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ވިޔަފާރި އެކްސްޕޯ ޗައިނާގައި އޮތުމަކީ ދެ ގައުމުގެ ދެ ސަރުކާރުގެ ދެމެދު އޮތް ގުޅުމާއި، ވިޔަފާރީގެ ބަދަހި ގުޅުން ހާމަވާ ކަމެއް ކަމަށެވެ.

"މިއީ ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ސިޔާސީ ގުޅުމެއް އޮތްކަން ހާމަވާ ކަމެއް. އަދި ހަމަ އެ ގުޅުމާ އެއްވަރަށް ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވެސް ހާމަވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމާއެކު ފެއްޓެވި، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރެއިން ރާއްޖެއަށް މީގެ ކުރިން ނުލިބޭ މިންވަރަށް ގިނަ އެހީތަކެއް ލިބިފައިފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ދިގު ތާރީޚެއް އޮތް ގުޅުމެއް ކަމަށެވެ. އަދި 1972ވަނަ އަހަރު ރަސްމީކޮށް، ސިޔާސީ ގުޅުން ގާއިމްކުރުމާއެކު މިއަދާ ހަމައަށް ވެސް ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ ގާތް، އަދި އެންމެ އެކުވެރި އެއް ގައުމުކަމަށް ރައީސް ފާހަގަކުރެއްވިއެެވެ.

މިހާރު ރައީސް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިގްތިޞާދީ ގޮތުންނާއި އެހެން ދާއިރާތަކުން ވެސް ގިނަ މަޝްވަރާތަކެއްް ކުރައްވާނެއެވެ. އަދި ގިނަ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރައްވާނެއެވެ.

comment ކޮމެންޓް