ރައީސް، ޗައިނާގެ ބައެއް ސެންޓަރުތަކަށް ޒިޔާރާތްކުރައްވާ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ޗައިނާގެ ބައެއް ސެންޓަރުތަކަށް ޒިޔާރާތްކުރައްވާ އެ ސެންޓަރުތަކުގެ މަސައްކަތްތައް މިއަދު ބައްލަވައިލައްވައިފިއެވެ.

އެ މަނިކުފާނު މި ސެންޓަރުތަކަށް ޒިޔާރާތްކުރައްވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ރަސްމީ ދައުވަތަކަށް އެ ގައުމަށް މި ވަގުތު ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ ޗައިނާގެ ބެއިޖިންގައި ހުންނަ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެންއެސްއެމްސީ)އާއި ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ޒިޔާރާތް ކުރައްވާފައެވެ.

މި ދެ ސެންޓަރަށް ޒިޔާރާތް ކުރެއްވުމުން ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށްވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ފަރާތުންވަނީ އެތަނުގެ މަސައްކަތް ޚާއްސަވެފައިވާ ދާއިރާތަކާއި އެތަނުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައީސަށް މައުލޫމާތު އަރުވައިފައެވެ.

އޭގެ ތެރޭގައި ބައެއް އީޖާދީ ކަންކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނޭ ގޮތަށް ވަރަށް ތަފްސީލީ ގޮތެއްގައި މައުލޫމާތު އަރުވައިފައިވެއެވެ.

އަދި ކުރިމަގުގައި ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެ ތަނުގެ އިސްވެރިން ވަނީ ފާޅުކުރައްވައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ބެއިޖިންގައި ހުންނަ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެންއެސްއެމްސީ)އަށް ޒިޔާރާތް ކުރެއްވުމުގެ ތެރެއިން؛ އެމަނިކުފާނު ވަނީ އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައި-- ފޮޓޯ/ ރައީސް އޮފީސް

ރައީސް، އެންއެސްއެމްސީއަށް ޒިޔާރާތްކުރުމުން އެ ސެންޓަރުގެ ފަރާތުން ވަނީ އެ ސެންޓަރުގެ މުހިންމު މަސައްކަތްތަކާއި، ޚާއްސަ ކާމިޔާބީތައް ހިމެނޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ރައީސާ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އަދި ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރާއި ރާއްޖޭގެ މީޓިއޮރޮލޮޖިކަލް ސާވިސްއާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެ ސެންޓަރުގެ އިސްވެރިން ވަނީ ފާޅުކުރައްވައިފައެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީއާ ބައްދަލު ކުރައްވައިފައެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު 20 އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ޗައިނާ ސަރުކާރުގެ މަތީ ބޭފުޅުންނާ ބައްދަލު ކުރައްވައި، މުހިންމު މަޝްވަރާތައް އަންނަނީ ކުރައްވަމުންނެވެ.

މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ދިރިއުޅޭ ދިވެހީންނާ ބައްދަލު ކުރައްވައި އެ މީހުންގެ ދަތިތައް ވެސް އޮޅުންފިލުއްވައިފައެވެ.

comment ކޮމެންޓް