އަވަށް ކުރިއަރުވާ ކޮމިޓީތަކުގެ ކޮންސެޕްޓް އަލުން ގެންނަން ބޭނުން: އާޒިމާ

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު: އޭނާ ގެންދަވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަމުން -- ސަން ފޮޓޯ

މީގެ ކުރިން މާލޭގައި އިޖުތިމާއީ މަސައްކަތްތަކަށް އަވަށް ކުރިއަރުވާ ކޮމިޓީތައް އެކުލަވައިލާފައިވާ ފަދައިން މިހާރު ވެސް އިޖުތިމާއީ މަސައްކަތްތަކަށް އެފަދަ ކޮމިޓީތައް އެކުލަވައިލަން ބޭނުންފުޅުވާކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި އަޒިމާ ވަނީ އޭނާ މާފަންނު އަވަށް ކުރިއަރުވާ ކޮމިޓީގައި މަސައްކަތް ކުރި ދުވަސްތައް ހަނދާން އާކުރައްވާފައެވެ.

"މިއަދު ކީއްވެތޯ އެ އިޖުތިމާއީ ރޫހުނެތީ؟ ޑިމޮކްރަސީއާ އެކުގައި އަޅުމެންގެ މީގެ ރޫހުތައް އަސްލު ހިނގައްޖެ،" އާޒިމާ ވިދާޅުވިއެވެ.

އެހެންކަމުން އަވަށް ކުރިއަރުވާ ކޮމިޓީތައް އަލުން އެކުލަވައިލައި އިޖުތިމާއީ ރޫހު ގެނައުމަށް މަސައްކަތް ކުރަން ޖެހޭކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަވަށަށް ބޮޑުވާ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން އޮންނަ ތަނަކީ އަވަށް ކުރިއަރުވާ ކޮމިޓީކަމަށެވެ.

"މިހާރު އިންތިޚާބުވެފައި ހުރި ކައުންސިލަރެއް ހުރީމަ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެވެއޭ ބުންޏަސް އެހެނެއް ނޫން. ކާކުތޯ ގަބޫލުކުރާނީ މިހާރު ރައްޔިތުން ބޭނުންވާ ގޮތަށޭ އަވަށްތައް ހިނގަނީ ބުނީމަ؟ އެހެންނެއް ނޫނެއްނުންތޯ،" އާޒިމާ ވިދާޅުވިއެވެ.

އަވަށް ކުރިއަރުވާ ކޮމިޓީ އެކުލަވައިލުމަށް ވިސްނަވާގޮތް ހާމަ ކުރައްވާ އާޒިމާ މިސާލަކަށް ވިދާޅުވީ، ވިލިމާލޭގެ އަވަށު ކޮމިޓީގައި ނަމަ ހިމެނޭނީ އިސްރަށްވެހިންނާ، ސްކޫލު ހިންގަވާ ބޭފުޅަކާ، ހޮސްޕިޓަލް ހިންގަވަން ހުންނަވާ ބޭފުޅަކާ ޕީޓީއޭގެ ނައިބު ރައީސް ފަދަ ބޭބޭފުޅުން ކަމަށެވެ.

ކުރީގެ ހަނދާންތައް އާކުރައްވާ އާޒިމާ ވިދާޅުވީ، މާލޭގެ ގިނަ ކަންކަމަކީ އަވަށު ކޮމިޓީތަކުން އިސްނަގައިގެން ކޮށްފައިވާ ކަންކަން ކަމަށެވެ. އަދި، މާލޭހެ ހުރިހާ ކަމެއް ވެސް ކުރަނީ އަވަށު ކޮމިޓީތަކުގެ އިޖުތިމާއީ ރޫހުގައިކަމަށް އޭނަ ވިދާޅުވިއެވެ.

"[ކުރިން] 1988ގަ ރައީސް މައުމޫން ހުވާކުރެއްވި އިރުގެ ދަރުވާރުގެ ވެސް ހަމަ ތައްޔާރުކުރީ އަވަށް ތަކުން މީހުން ގޮސްގެން. މާލޭގައި ޝިގެއްލާއާ ކޮލެރާއާ އުޅުން އިރުގައި ގޭގޭގެ ވަޅުތައް ކްލޮރިން ކުރީ ވެސް މާލޭގެ އަންހެނުންނޭ ނުކުމެ" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އޭރު އޮތީ މިފަދަ އެއްބައިވަންތަކަމެއް ކަމަށެވެ. އަދި މިކަން އަނބުރާ މާލެ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ މޭޔަރު ކަމަށް ބޭފުޅަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބުގެ ވޯޓުލުން މާދަމާ ހެނދުނު 8:00 ގައި ފަށާނެއެވެ. އެ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު މިއަދުގެ އިރުއޮއްސި 6:00 އަށް ހަމަވާނެއެވެ.

މާލޭ މޭޔަރު އިންތިޚާބު މާދަމާ އޮންނައިރު، އެ މަގާމަށް ފަސް ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ، ޕީއެންސީގެ ކެންޑިޑޭޓު އާޒިމާގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ފުލުސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު)އެވެ.

comment ކޮމެންޓް