ޑްރަގުސިން ސްޕާސްއަށް ސޮއިކޮށްފި

ރާޑޫ ޑްރަގުސިން ސްޕާސްގެ ޖާޒީއާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ/ ލޭޓެސްޓްލީ

އިޓާލިއަން ސެރީއާގެ ޖެނޯއާއަށް ކުޅެމުންދާ ރުމޭނިއާގެ ޑިފެންޑާ ރާޑޫ ޑްރަގުސިން އިންގްލިޝް ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާއަށް ސޮއިކޮށްފިއެވެ.

ބޭރުގެ ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުން ޑްރަގުސިން ސްޕާސްއަށް ސޮއިކޮށްފައިވަނީ ހަ އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 25 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އުމުރުން 21 އަހަރުގެ ކުުޅުންތެރިޔާ ވެފައިވަނީ މި ފިހަރުގެ ޓްރާސްފާ ބާޒާރުގައި ސްޕާސްއަށް ސޮއިކުރި ދެވަނަ ކުޅުންތެރިޔާއަށެވެ. ސްޕާސްއިން މީގެ ކުރިން ވަނީ ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލެއިޕްޒިގަށް ކުޅެމުންދާ ޖަރުމަނުވިލާތުގެ ޓީމޯ ވާނާ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ގެންގޮސްފައެވެ.

ޑްރަގުސިން ވަނީ މި ސީޒަންގައި ޖެނޯއާ ކުޅެފައިވާ 22 މެޗުގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.

މި އެއްބަސްވުމުގެ ދަށުން ސްޕާސްގެ ޑިފެންޑަރު ޑިޔެޑް ސްޕެންސްވަނީ މި ސީޒަން ނިމެންދެން ލޯނު އެއްބަސްވުމެއްގެ ދަށުން ޖެނޯއާއާ ގުޅިފައެވެ. ޑްރަގުސިން އޭނާގެ ކެރިއާ ފަށާފައިވަނީ ސެރީއާގެ ޔުވެންޓާސްއިންނެވެ. އެއަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ޖެނޯއާއަށް ކުޅުމަށްފަހު އެއްބަސްވުން ދާއިމީ ކުރީއެވެ.

ބަޔާންއިން ވެސް ވަނީ ޑްރަގުސިން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ނިންމީ ސްޕާސްގެ ޑިފެންޑަރު އެރިކް ޑައާ ގެންދިއުމަށެވެ. އެރިކް ޑައާ ބަޔޭންއަށް ސޮއިކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަން ނިމެންދެނެވެ. ޑައާއަށް މި ސީޒަންގައިވަނީ ސްޕާސްގެ ފުރަތަމަ 11 އިން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ.

ސްޕާސްއިން ވަނީ ކްރިސްޓިއަން ރޮމޭރޯއާއި މިކީ ވެން ޑެ ވެންއަށް އަނިޔާވުމާ ގުޅިގެން ސެންޓަ ބެކެއް ހޯދަން މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް