ތަރުބިޔަތުގައި އެންމެ ނުފޫޒުގަދަ ވަސީލަތް

ދަރީން މީޑިއާއަށް ކިތަންމެ ބޮޑަށް ދެވިހިފާފައިވިޔަސް އަދިވެސް ދަރީންގެ ދިރިއުޅުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ މައިންބަފައިން -- ފޮޓޯ/ ސްކޮލާސްޓިކް.ކޮމް

ދަރީން ހެޔޮގޮތުގައި ތަރުބިޔަތުކުރުމަކީ މައިންބަފައިންގެ އެންމެ މުހިއްމު އެއް ވާޖިބެވެ. އީމާނުގެ މުހިއްމުކަން އަހުރެމެންގެ ދަރީންގެ ހިތްތަކުގައި ކުޑައިރުއްސުރެ ބިންވަޅު ނެގިއްޖެނަމަ އެ ކުދީން ބޮޑެތިވާނީ އީމާންކަން ވަރުގަދަ ޞާލިޙު ބައެއްގެގޮތުގައެވެ. އަހުރެމެންގެ ދަރީން ތަރުބިޔަތުކުރާންޖެހޭނީ އިސްލާމްދީނަށް ޢަމަލުކޮށް އެ ދީނާމެދު ފަޚުރުވެރިވެ އަދި އެ ދީނުގެ ރީތިކަން ފެތުރުމުގައި އެހެންމީހުންނަށް ނަމޫނާ ދައްކާ ބައެއްގެގޮތުގައެވެ. މިކަމަށްޓަކައި މައިންބަފައިންނަކީ ދަރީންނަށް އެންމެ ރަނގަޅު "ނަމޫނާ" (ރޯލްމޮޑެލުން) ކަމުގައި ވާންޖެހޭނެއެވެ. އެންމެ ގާތުން، މައިންބަފައިންގެ ފަރާތުން ދަރީންނަށް ފެންނަ ރަނގަޅު ނަމޫނާގެ ސަބަބުން، ޖިސްމާނީގޮތުންނާއި ނަފުސާނީ އަދި ރޫޙާނީގޮތުން ދުޅަހެޔޮކަންމަތީ އެ ކުދީން ތަރައްޤީވަމުންދާނެއެވެ.

ބައެއް ހޯދުންތައް ބުނާގޮތުން، އިންސާނާގެ ދަސްކުރުންތަކުގެ 90 އިންސައްތަ ބިނާވެގެންވަނީ ނަމޫނާ ފެނިގެން ދަސްކުރުމުގެ މައްޗަށެވެ. މިއީ އަދި މުޅީން ކަށަވަރުކުރެވިފައިނުވާ އަންދާޒާއެއް ނަމަވެސް، އުނގެނި ދަސްކުރުމުގައި ނަމޫނާ އަކީ ވަރަށް މުހިއްމު އަދި އެހައިމެ ބޮޑު ދައުރެއް އަދާކުރާ ބަހާއެއްކަން ޔަޤީން ކުރެވިފައިވެއެވެ. އެގޮތުން ޅައިރުއްސުރެ ކަންކަން ދަސްކުރުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ ނަމޫނާ އަކީ މަންމައާއި ބައްޕައެވެ. ހަމަމިއާއެކު ޢާއިލާގެ އެހެނިހެން މެންބަރުންނާއި މުދައްރިސުންގެ ފަރާތުން ލިބޭ ނަމޫނާވެސް ބޮޑު ދައުރެއް އަދާކުރާކަން ހޯދިފައިވެއެވެ.

ރަނގަޅު ގޮތް އުނގެނި އެ މަގުގައި ސާބިތުވެ ހުރުމަށްޓަކައި، ނަމޫނާއަކީ މުހިއްމު އެއްޗެއްކަން އެނގޭ ދަލީލުތައް ވެއެވެ. ﷲ ވަޙީކުރެއްވިއެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ (އަޙުޒާބު: 21) "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި އަޚުލާޤުގެ ނަމޫނާއަށް މަދަޙައިގެ ބަސްފުޅު ވަޙީކުރައްވައި ﷲ އެންގެވި ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ."(ޤަލަމް: 4) ތެދުމަގު ބަޔާންކޮށްދެއްވުމަށް ފޮނުއްވި މާތް ނަބިއްޔާގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާވާކަމާއި އެކަލޭގެފާނުގެ އަޚުލާޤުގެ މަތިވެރިކަން ބަޔާންކުރައްވާފައިވުމުން، މީސްތަކުންގެ ވިސްނުން ތަރައްޤީވެ ހެޔޮނުބައި ވަކިކުރުމުގައި، ނަމޫނާގެ މުހިއްމު ދައުރު ހާމަވެގެންދެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދީނަށް ގޮވައިލެއްވީ ޢަމަލުފުޅާއި ބަސްފުޅުންނެވެ. ﷲ ގެ ޝަރީޢަތުގައިވާ ކަންތައްތަކަށް އެކަލޭގެފާނު ފުރިހަމައަށް ޢަމަލުފުޅުކުރައްވަމުން ގެންދެވިއެވެ. ހަމައެއާއެކު އެހެންމީހުންވެސް އެގޮތަށް ޢަމަލުކުރުމަށް ނަޞީޙަތްތެރިވެވަޑައިގެންނެވިއެވެ. މިސާލަކަށް؛ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ކެތްތެރިކަމާއި އޯގާތެރިވުން ފަދަ ކަންކަމުގައި އެންމެ މަތިވެރި ނަމޫނާ ދެއްކެވިއެވެ. އެންމެ ފުރިހަމަގޮތުގައި ނަމާދު ޤާއިމުކުރެއްވިއެވެ. އެއާއެކު އެކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ދުށް ގޮތަށް ނަމާދު ކުރުމަށް މީސްތަކުންނަށް އެންގެވިއެވެ.(ބުޚާރީ: 6008) ހަމައެފަދައިން، ޙައްޖުގެ އަޅުކަން އަދާކުރައްވައި، އެ އަޅުކަމުގެ ކަންކަން އިތުރު އެކަލޭގެފާނުގެ އަރިހުން އުނގެނި ދަސްކުރުމަށް އެންގެވިއެވެ.(މުސްލިމް: 1218)

އެންމެ ނުފޫޒުގަދަ ނަމޫނާއަކީ މަންމައާއި ބައްޕަކަމަށްވާއިރު، މިފަރާތްތަކުން ދަރީންނަށް ހެޔޮ ނަމޫނާ ދެއްކުމުގައި އިހުމާލުވަމުންދާ މަންޒަރު ދިވެހި މުޖުތަމަޢުން ފެންނަމުންދެއެވެ. ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި ދުޢާ ޒިކުރުތައް ކިޔުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، ދޫ ރައްކާތެރިކުރުމާއި، މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތުންފަދަ ކަންކަމުގައި މައިންބަފައިން ފަރުވާ ކުޑަކުރާތަން އާދެއެވެ. މި ފަރުވާކުޑަކުރުމާއެކުވެސް، ބުނެވިދިޔަ ކަންކަމުގައި ދަރީން އެންމެ ރަނގަޅަށް ޢަމަލުކުރުމަށް އެމީހުން އެދެމުންދެއެވެ. ނަމަވެސް ބެލެނިވެރީން ދައްކާ ގޯސް ނަމޫނާއާއެކު، އެމީހުންގެ އެ އުއްމީދު އެދެވޭގޮތުގައި ހާސިލުވެދާނެހެއްޔެވެ؟ ގުރޭޑު 8 ގައި އުޅޭ ދަރިވަރެއްގެ ގާތުގައި ނަމާދުކުރަންތޯ އަހައިލުމުން އޭނާ ނަމާދު ނުކުރާކަމަށް ބުންޏެވެ. އަދި އެއީ ކީއްވެގެންތޯ ސުވާލުކުރުމުން، އޭނާގެ މަންމައާއި ބައްޕަވެސް ނަމާދުނުކުރާކަމަށް ބުނެލީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ބޮޑެތިވަމުން އަންނަ ދަރީންގެ ކުރިމަތީގައި ދުންފަތުގެ އިސްތިޢުމާލުކޮށް، އެކުދީންގެ ކުރިމަތީގައި ޒުވާބުކޮށް ތަޅާފޮޅާ ދެމަފިރީން، އެމީހުންގެ ދަރީން އެފަދަ ކަންކަން ނުކުރާނެކަމަށް ކުރާ އުއްމީދު ފުރިހަމަވާނީ ކިހިނަކުންހެއްޔެވެ؟ ޢުމުރުން ދުވަސްވެފައިވާ މައިންބަފައިންނަށް ކަމޭނުހިތައި ގޯސްކޮށް ކަންތައްކުރާ ދަރީން - އެމީހުންގެ ދަރީންނަށް އެ ދައްކާ ނަމޫނާ، ދާދި އަވަހަށް އެމީހުންނާ ބައްދަލުކުރާނެކަން ނުދަންނަނީ ކީއްވެބާއެވެ؟

ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި، ބޮޑެތިވަމުން އަންނަ ކުދީންނަށާއި ޒުވާނުންނަށް ގިނައިން ފެންނަނީ ގޯސް ނަމޫނާކަމުގައި ބުނުން ދޮގަކަށްނުވާނެއެވެ. އިންޓަނެޓާއި ކޭބަލް ޓީވީގެ ޚިދުމަތް ލިބޭ އާލާތްތަކުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ކޮޕީކޮށް އެއާ އެއްގޮތަށް އުޅުމީ މިއަދުގެ ދަރީން ވަރަށް ގަޔާވާކަމެކެވެ. ޓީވީ ޗެނަލުތަކާއި މީސްމީޑިއާގެ މަންސަތަކުން ރަނގަޅު ނަމޫނާތައް ފެނުނުނަމަވެސް، ދަރީން އެފަދަ ނަމޫނާތައް ބަލަނީ ކިހައިވަރަކަށްތޯ އަމިއްލައަށް ވަޒަންކޮށްލާށެވެ. އެފަދަ ނަމޫނާތައް ބެލުމަށް ދަރީންނަށް ފުރުޞަތު ފަހިކޮށްދީ އެކަމަށް ބާރުއެޅެނީ ކިހައިވަރަކަށްކަމާމެދު އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ.

ދަރިން ތަރުބިޔަތުކުރުމުގެ ދާއިރާއިން ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ، އެމެރިކާގެ ޖަމާޢަތަކުން ހާމަކޮށްފައިވާގޮތުގައި؛ 'މިޒަމާނުގެ މީޑިއާއިން ޢާއިލީ އަގުތަކާއި އިޖުތިމާޢީ ރަނގަޅު ސުލޫކުތައް ޕްރޮމޯޓުކުރުމަކީ ވަރަށް މަދުންނޫނީ ނުކުރާ ކަމެކެވެ.' އެފަރާތުން އިތުރަށް ބުނެފައިވާގޮތުގައި؛ 'ނަމޫނާ ލިބިގަތުމަށްޓަކައި ކުދީން މީޑިއާއަށް ބަރޯސާވުން ބޮޑުނަމަވެސް، އަދިވެސް ދަރީންގެ ދިރިއުޅުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ މައިންބަފައިންނެވެ. މި ނުފޫޒު އިތުރަށް ވަރުގަދަކުރުމަށްޓަކައި ބޭނުންވަނީ ކުދީން ޓީވީއާއި ވީޑިއޯ ބަލަން ހޭދަކުރާ ވަގުތު ހަނިކޮށް، އެކުދީންނާއެކު މައިންބަފައިން ހޭދަކުރާ ވަގުތު އިތުރުކުރުމެވެ.' ކާޓޫނާއި ވީޑިއޯތަކުން ފެންނަ ވައްތަރުތައް ޖައްސައި އެއިން އިވޭ އަޑުތައް ކޮޕީކޮށް ނޭދެވޭ ސުލޫކު ދައްކާ ދަރީންނާމެދު މާޔޫސްވެފައިވާ ބެލެނިވެރީންނަށް މިއީ ޔަޤީނުންވެސް އުފާވެރި ޚަބަރަކަށްވާނެއެވެ.

ތަރުބިޔަތުގެ މައިދާނުގައި ދަރީންނަށް ރަނގަޅު ނަމޫނާ ދެއްކުމަށް މައިންބަފައިން ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭނެއެވެ. އެންމެ ހެޔޮ ނަމޫނާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަކަން މިސާލާއެކު ދަރީންނަށް ކިޔައިދޭންޖެހޭނެއެވެ. ހަތަރު ޚަލީފާއިންނާއި އެހެނިހެންވެސް ޞަޙާބީންގެ ޙަޔާތްޕުޅުން ލިބިދޭ ފިލާވަޅުތައް ބުނެދޭންވާނެއެވެ. ދިރިއުޅުމުގެ މައްސަލަތައް ޙައްލުކުރުމުގައި އިސްލާމީ މަންހަޖު ބޭނުންކޮށް މިޒަމާނުގެ މައްސަލަތަކުގައި އެ މަންހަޖު ތަޠުބީޤުކުރާގޮތް ދަރީންނަށް ދައްކަންވާނެއެވެ. މިކަން ކުރުމަށްޓަކައި މައިންބަފައިންނަކީވެސް ޢިލްމު ހޯދުމަށް މަސައްކަތްކުރާ ބަޔަކަށްވާންޖެހޭނެއެވެ. ފޮތާ ރައްޓެހި، ދިރާސާކުރުމުގެ ޝައުޤުހުރި ބަޔަކަށްވާންޖެހޭނެއެވެ. އެންމެ މަތީ ދަރަޖައަށް ނުދެވުނަސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން މިކަންކުރުމުން ހެޔޮ ނަތީޖާ ފެންނާނެއެވެ.

ނަމޫނާ ދެއްކުމަކީ ތަރުބިޔަތުގެ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއްވަސީލަތެވެ. ދަރީންނަކީ ތަޤުވާވެރި، ދީނަށް ލޯބިކުރާ އަދި ދުނިޔެވީ މައިދާންތަކުގައި ހިތްވަރާއެކު މަސައްކަތްކުރާ، މީހުންގެ އިތުބާރު ލިބިފައިވާ ފަރާތަކަށް ވާން ބޭނުންނަމަ މި ސުލޫކުތައް މައިންބަފައިން އަމިއްލަ ނަފުސުން ދައްކާންޖެހޭނެއެވެ. ރަނގަޅު އިންސާނެއްގެގޮތުގައި ބޮޑުވުމަށްޓަކައި ދަރީންނަށް އެންމެ ބޮޑު ހިތްވަރެއް ލިބިގަނެވޭ ފަރާތަކީ މައިންބަފައިންކަމުގައި ވާންޖެހޭނެއެވެ. ހެޔޮގޮތުގައި ތަރުބިޔަތުކޮށް މުޖުތަމަޢަށް ނެރޭ ދަރިއަކީ އިސްލާމްދީނަށާއި މުޖުތަމަޢަށް، ޤައުމަށާއި މުޅި އިންސާނިއްޔަތަށް މަންފާ ލިބިދޭނެ އަގުބޮޑު ޖައުހަރެކެވެ. އަދި އެއީ މައިންބަފައިންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ދެމިގެންވާ ޞަދަޤާތެކެވެ.

comment ކޮމެންޓް