މާލޭ ސިިޓީއަށް މޭޔަރަކު ހޮވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވައި ބައި އިލެކްޝަންގައި ސަރުކާރު މަޝްރޫތަކާ ދެކޮޅު ކެނޑިޑޭޓުން ހޮވިއްޖެނަމަ މާލޭގެ ތަރައްގީއަށް ހުރަސް އެޅޭނެކަމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.
އާޒިމާއަށް ތާއީދު ހޯދުމަށް މިއަދު ހަވީރު ޕީއެންސީން ވަނީ ސައިކަލު ބުރެއް ބާއްވައިފައެވެ. ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި މި ސައިކަލު ބުރު ނިންމަވައިލައްވައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅު ކެނޑިޑޭޓުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައި އެބަތިބި ކަމަށެވެ.
"އަޅުގަނޑާ ވާދަކުރައްވާ އަނެއް ދެ ކެންޑިޑޭޓުން ހަމަ ވަރަށް ކަނޑައެޅިގެން އަޅުގަނޑުމެންގެ އެންމެ މުހިންމު މައްސަލަކަމަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ދެކޮޅު ހެދި. ހަމަ ރަނގަޅަށް ދެ ކެންޑިޑޭޓުން ވިދާޅުވި އަޅުގަނޑުމެން ތިކަމާ ދެކޮޅޭ،" އާޒިމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ހުރަސް އަޅާނެ މީހަކު މޭޔަރުކަމަށް ގެނެވިއްޖެނަމަ މާލޭގެ ތަރައްގީއާ ކުރިއެރުމަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ކަންބޮޑުވާ ކަންތައްތަކެއް ބައެއް މީހުންގެ ފަރާތުން ފާހަގަވަމުން އަންނަ ކަމަށެވެ. އެއީ ސަރުކާރާ އޮންނަ ދެކޮޅުވެރިކަމުގައި ގައުމާ ދެކޮޅަށް ޚިޔާލު ފާޅުކުރުން ކަމަށް އާޒިމާ ދިވާޅުވިއެވެ.
އާޒިމާ ވިދާޅުވީ، މި އިންތިޚާބުގައި ދައްކަންވީ ހަމައެކަނި ތަރައްގީއާ ގުޅިފައިވާ ވާހަކަ ނޫންކަމަށެވެ. މި އިންތިޚާބުގައި މިނިވަންކަމުގެ ވާހަކައާއި ގައުމިއްޔަތުގެ ވާހަކަ ވެސް ދެއްކުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ދެކޮޅަށް ނުކުމެތިބި އެމްޑީޕީގެ ފަރާތުން ދައްކަމުން ގެންދާ ވާހަކައަކީ ދިވެހި ގައުމާ ދެކޮޅަށް ދައްކާ ވާހަކައެއް،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މި އިންތިޚާބުން އެފަދަ މީހަކަށް ކާމިޔާބުވެއްޖެ ނަމަ ފަށަންޖެހޭނީ ބޮޑު ހަނގުރާމައެއްކަމަށް އާޒިމާ ވިދާޅުވިއެވެ.