ކިސަޑުހެދިފައިވާތީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ބަންދުކޮށްފި

ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަން-- ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ހެދިފައިވާތީ އެތަން މާދަމާއިން ފެށިގެން ބަންދު ކުރުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ އިއުލާނުގައި ވަނީ އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 09:00ގައި ފެށާނެކަމަށެވެ.

އެހެން ކަމުން އެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރަސްފަންނަކީ ގިނަ ބަޔަކު މޫދަށް އެރެންދާ ސަރަހައްދެކެވެ. އަދި މާލޭގައި މޫދަށް އެރެވޭގޮތަށް ހަދާފައިވާ މަދު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެކެވެ.

ރަސްފަންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ތަންތަނެވެ. އޭރު އެ މަސައްކަތް ކުރެއްވީ ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

comment ކޮމެންޓް