ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ، މާލެއިން ރައްޔިތުންނަށް ބޮޑު ތަފާތެއް ފެންނަ ވަރަށް މަސައްކަތްތައް ކޮށްދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ޗެނަލް ތޭރައިން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި މޭޔަރު ވިދާޅުވީ، އެތައް ޒަމާންތަކެއް ވަންދެން މާލޭގައި ހައްލު ނުލިބި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، މާލޭގެ ބަނދަރު ސަރަހައްދުގެ އާބާތުރަ ފިލުވުމާއި ކާނުތައް ސާފުކުރުމާއި ގަސް އިންދުމާއި މަގުތަކާއި ޕާކުތައް ހެދުމުގެ އިތުރަށް އެހެނިހެން ގިނަ ކަންތައްތަކެއް ކުރާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މިއަހަރު ތެރޭ މާލެ ސިޓީ ކައުންސިލުން މި ސިޓީއަށް ޚިދުމަތްތަކެއް ކޮށްދިނޭ ބުނާ މިންވަރަށް މަސައްކަތްތައް ކޮށްދޭނެ ކަމަށާއި މިހާރު ވެސް އެ ތައުރީފު ލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެހެންވީމާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ ނޫނީ ހައެއްކަ އަށެއްކަ މަސް ތެރޭގައި ބޮޑު ތަފާތެއް މާލެ ތެރެއިން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެމާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު މަގާމާ ހަވާލުވެވަޑައިގަތް ފަހުން، މާލޭގައި ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން، ކޮންމެ ދުވަހަކު ވެސް މާލޭގެ މަގުތަކުގެ އެކި މަރަމާތު މަސައްކަތް ކުރެއެވެ.
އޭގެއިތުރުން މާލެ ސަރަހައްދުގައި ހުރި މިސްކިތްތަކުގެ އާބާތުރަ ނުފިލުވާ މައްސަލައަށް ވެސް މޭޔަރު އާޒިމް ވަނީ އަލިއަޅުއްވާލާފައެވެ. އެ މަސައްކަތަށް 150 ދިވެހީންގެ ވަކި ޓީމެއް ނަގައިގެން ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެއީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެން މުސްލިމު ދިވެހީންނަށް ވުރެން ލޯބިން މިސްކިތްތައް ބަލަހައްޓާނެ ދެވަނަ ބަޔަކު ނުލިބޭނެ. އެހެންވެއްޖިއްޔާ އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ މިސްކިތްތައް ސާފުކުރުމަކީ ވަރަށް، ވަރަށް މުހިންމު ކަމެއް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ހުރިހާ މައްސަލަތަކެއް އެއް ފަހަރާ ހައްލުކުރަން ޖެހުމުން ދަތިތަކެއް ހުރި ނަމަވެސް، މިއަހަރު ތެރޭ އެކަންކަމަށް ހައްލުތައް ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މޭޔަރު ވަނީ މާލޭ މަގުމަތީގައި ހުރި ބޮޑެތި ގަސްތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ގެއްލުން ލިބޭތީ އެކަމުގައި ކައުންސިލްގެ ނިންމުން ހާމަކޮށްފައެވެ. މިގޮތުން، ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ބޭފުޅުން، ގަސް ކަނޑަން ދެކޮޅު ހެދި ނަމަވެސް، ކައުންސިލްގެ ވިސްނުމަކީ އުމުރުން ދުވަސްވެ ނިކަމެތިވެފައިވާ ގަސްތައް ކަނޑައި، އައު ގަސް ޖަހައި މާލެ ފެހިކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.