މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ގްރޭޑް އަށެއްގެ ދަރިވަރުންނަށް، މިހާރު ހިނގަމުންދާ ދިރާސާ އަހަރުގެ ދެވަނަ ޓާމުގައި އޯލެވެލް ސިލަބަސް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހު އެ ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރި ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިން ކަނޑައަޅާފައިވާ ގޮތަށް، މިހާރު ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ މެއި މަހާއި ޖޫން މަހުގައި އޯލެވެލް ހަދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ދިރާސީ އާ އަަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރުމަށް ޓަކައި، ސަރުކާރުން އަންނަނީ ސްކޫލްތަކުގެ ކިޔެވުމަށް ބަދަލުތަކެއް ގެންނަން ފަށައިފައެވެ. އެގޮތުން މި އަހަރުގެ އެކަޑަމިކް ކަލަންޑަރުން ދައްކާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ފެށި ދެވަނަ ޓާމު ނިމޭނީ މި އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނި އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި، 2023/2024ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި އޮތް ގޮތުން ދެވަނަ ޓާމް ނިމޭނީ ޖޫން 13ގައެވެ. އަދި ޖެހިގެން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖުލައި 31ގައެވެ.
ދިރާސީ އައު އަހަރު ޖެނުއަރީ މަހު ފަށައި އަހަރީ ޗުއްޓީ ޑިސެމްބަރުގައި ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ބަދަލުތަކާއެކު، 2026ގައި ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހު ކަމަށް ކެބިނެޓުން ވަނީ އިއުލާންކޮށްފައެވެ. އަދި އެ ބަދަލުތައް ގެނައި ނަމަވެސް، މިހާރު ގްރޭޑް 9، 10ގައި ތިބި ކުދިންގެ ކިޔެވުމަށް ބަދަލެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ޓޫރިޒަމްގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާތީކަމަށް ބުނެއެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނެވީ ދިރާސާކުރުމަށްފަހުގައެވެ. ނަމަވެސް ބަދަލު ގެނައުމާއެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިއަކީ މޫސުމީ ވިއްސާރަވާ ދުވަސްވަރަކަށް ވާތީ ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.