250 ބައިވެރިންނާ އެކު މުދައްރިސުންގެ ކޮންފަރެންސް ފަށައިފި

ހަތްވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މުދައްރިސުންނަށް ޚާއްސަކޮށްގެން ބާއްވާ ބައިނަލްއަގުވާމީ މުދައްރިސުންގެ ކޮންފަރެންސްގެ ހަތްވަނަ ކޮންފަރެންސް މިއަދު ފަށައިފިއެވެ.

ސީއެޗްއެސްސީގައި ބޭއްވި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. އެ ކަމަނާގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓާ ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގަތެވެ.

"އެޑިއުކޭޓް، އެމްޕަވާ، އެލިވޭޓް: އިކުއަޓަބަލް އެޑިއުކޭޝަން ފޯ ޓްވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސެލެންސް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައެވެ.

މި ކޮންފަރެންސަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. އެގޮތުން، މިއަދު ފެށި ކޮންފަރެންސް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ހަތްވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ކޮންފަރެންސްގައި 250 ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި، މި ކޮންފަރެންސްއަށް 60 ރިސާޗް ޕޭޕަރާއި، ހަތަރު ކޭސް ސްޓަޑީ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ކޮންފަރެންސްގައި ދެ ކީނޯޓް އަދި ދެ ޕެނަލް ޑިސްކަޝަން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ކޮންފަރެންސްގެ އެންމެ ބޮޑު މަގުސަދަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތައް ދެނެގަތުމެވެ. އަދި، ބޭރު ގައުމުތަކުގެ ރާއްޖެ ތައާރަފުކޮށް، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ކުރިއެރުވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާ އެކު ތައުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަކީ ވެސް މި ކޮންފަރެންސްގެ މަގުސަދެކެވެ.

މި ކޮންފަރެންސަކީ 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައިވަނީ 2022 ވަނަ އަހަރެވެ.

comment ކޮމެންޓް