މި އަހަރު އޭލެވެލް ކިޔަވަން ފެށި ނިސްބަތް 70 ޕަސެންޓަށް ވުރެ އިތުރު: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ހަތްވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގައި ވާހަކަދައްކަވަނީ: ވިދާޅުވީ މިއަހަރު އޭލެވެލްއަށް ކިޔަވަންފެށި ދަރިވަރުންގެ ނިސްބަތް 70 ޕަސެންޓަށް ވުރެ އިތުރު ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އަހަރަށްވުރެ މި އަހަރު އޭލެވެލްއަށް ކިޔަވަންފެށި ދަރިވަރުންގެ ނިސްބަތް 70 ޕަސެންޓަށްވުރެ އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ހަތް ވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާކޮށް މަތީ ތައުލީމަށް ވަންނަ ކުދިންގެ ނިސްބަތް އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރު އޭލެވަލް ކިޔަވާ ދަރިވަރުން އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރަށް ވުރެން މި އަހަރު ގްރޭޑް 11އަށް ވަތް ދަރިވަރުންގެ އަދަދު 70 އިންސައްތަ އިތުރު. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ޔުނިވަސިޓީތަކަށް ވަންނަ ދަރިވަރުން އިތުރުވެ، މުޅި އެޑިއުކޭޝަން ސެކްޓާ ވަރުގަދަވުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ޝަފީއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހަޔާ އެޑިއުކޭޝަން ސެކްޓާ ވަރުގަދަވެ، ގައުމީ އުފެއްދުންތެރިކަމަށް ބޭނުންވާ ޒުވާނުންގެ ޖީލެއް ތަމްރީނުވެ އެތަންތަނުން ނުކުމެގެން އަންނާނެ ކަމަށެވެ.

ދައުލަތުން ތައުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދަށްވެފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގެ ތެރޭގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް ދަތިކަމަކީ މުދައްރިސުން މަދުވުމެވެ. އެއީ ކަންބޮޑުވުމެއް ކަމަށާއި އަދިވެސް ޓީޗަރުން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި މިއަދު ބޭއްވި ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގައި ވެސް އެފަދަ ކަންކަމަށް އަލިއަޅުވާލާ، ތައުލީމީ ގޮތުން ރާއްޖެ އޮތީ ކިހާ ހިސާބެއްގަތޯ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ތައުލީމީ ދާއިރާ ކުރިއަރުވާ، ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި މަހާސިންތާ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މަހާސިންތާގައި 200 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް