ބަޣުދާދު: އިރާގުގައި ތިބޭ އެމެރިކާ ސިފައިން ބޭލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެމެރިކާ ބުނުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ވީހާ ވެސް އަވަހަކަށް އެމެރިކާ ސިފައިން ބާލާނެ ކަމަށް އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާއުއް ސޫދާނީ ވިދާޅުވެއްޖެއެވެ.
ބަޣްދާދުގައި ދެއްވި ބަޔާނެއްގައި އިރާގުގެ ބޮޑުވަޒީރު ވިދާޅުވީ އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުގެ ސިފައިން އިރާގުގައި ތިބުމަކީ މިހާރު އިރާގު އެދޭކަމެއް ނޫނެވެ. އަދި، ބޭރުގެ ސިފައިންގެ ސަބަބުން ސަބަބުން އިރާގުގައި ހަމަނުޖެހުން އުފެދި ރައްކާތެރިކަން ގެއްލޭކަން ވަރަށް ރަނގަނޅަށްވަނީ ހާމަވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން އިރާގު ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުގެ ސިފައިން ބާލަން،" އިރާގުގެ ބޮޑުވަޒީރު ސޫދާނީ ވިދާޅުވިއެވެ.
އެމެރިކާގެ 2000 ވަރަކަށް ސިފައިންނާއި އެމެރިކާއާ ގުޅިފައިވާ ނޭޓޯގައި ހިމެނޭ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ސްޕޭންފަދަ ބައެއް ގައުމުތަކުގެ 500 ވަރަކަށް ސިފައިން އަސްކަރީ މުސްތަޝާރުންގެ ގޮތުގައާއި އަސްކަރީ މުދައްރިބުންގެ ގޮތުގައި އިރާގުގައި އެބަތިއްބެވެ.
ޖުމްލަ މި 2500 ސިފައިންގެ ދައުރަކީ އައިއެސް ޖަމާއަތާ ހަނގުރާ ކުރުމުގައި އިރާގު ސިފައިން ބޭނުންވާކަންތައްތައް ކޮށްދިނުމާއި ފަންނީ ލަފާދިނުމާއި އިރާގު ސިފައިންނަށް ބޭނުންވާ ބައެއް ބާވަތްތަކުގެ ތަމުރީންތައް ދިނުމެވެ.
އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ހުޅަނގުގެ ސިފައިން އިރާގުން ބޭލުމުގެ މައްސަލަ ފެންމަތިވީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގަތުލުއާންމުތަކަށް އެމެރިކާ ވާގިވެރިވާތީ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުންގެންދާތީއެވެ.
އިރާގުގެ އަސްކަރީ ޖަމާއަތްތަކުގެ މި ހަމަލާތަކުގެ ރައްދުގައި އެމެރިކާ ވެސް މަދުމަދުން އެ ޖަމާއަތްތަކުގެ އަމާޒުތަކަށް ހަމަލާތައް ދެއެވެ. ދާދި ފަހުން އެމެރިކާ ދިން މިފަދަ ހަމަލާއެއްގައި އިރާގު ސަރުކާރަށް ވާގިވެރިވާ ޙަޝްދުއްޝަޢަބީ ޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ ތާލިބް އަލީ އައްސަޢީދީ އަވަހާރަވުމުން އިރާގުގެ ބޮޑުވަޒީރު ވަނީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
އެމެރިކާގެ އެ ހަމަލާ ކުށްވެރިކުރެއްވުމަށްފަހު އިރާގުގެ ބޮޑުވަޒީރުވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންނާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިން ބާލަން ނިންމިކަން މިދިޔަ ހަފުތާގައި އިއުލާނު ކުރައްވާފައެވެ. އިރާގުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ހައްލަކީ އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ސިފައިން އިރާގުގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމެވެ.
އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިން އިރާގުން ބޭލުމަށްޓަކައި އެމެރިކާއާ ގުޅިގެން މިކަމާބެހޭ ޚާއްސަ ކޮމެޓީއެއް އެކުލަވައިލުމަށް އިރާގު ސަރުކާރުން ނިންމައިފައިވާ ކަމަށް ވެސް މިދިޔަ ހަފުތާގައި އިރާގުގެ ބޮޑުވަޒީރުވަނީ ވިދާޅުވެފައެވެ.
އިރާގުގެ ބޮޑުވަޒީރުގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވަނީ އިރާގުން ފޭބުމުގެ ރޭވުމެއް އެމެރިކާ ނުގެންގުޅޭކަމަށް ބުނެފައެވެ. އިރާގުން އެމެރިކާ ސިފައިން ބޭލުމަށް އިރާގުން ރަސްމީ ސިފައެއްގައި އަދި އެދިފައިނުވާ ކަމަށް ވެސް އެމެރިކާގެ ދިފާއީ ވުޒާރާގެ މަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ މިވާހަކަތަކަށް ރައްދު ދެއްވައި އިރާގުގެ ބޮޑުވަޒީރު މިއަދު ވިދާޅުވީ އިރާގުގައި ތިބޭ އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން ސިފައިން ޖެހޭނީ އިރާގު ދޫކޮށްދާން ކަމަށާއި ބޭރުގެ މި ސިފައިން ބޭލުމުގެ ޕްލޭން އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމުގައެވެ.
އިރާގު ސަރުކާރުގެ ނުރުހުމުގައި އަދި އިރާގު ސަރުކާރުގެ އެއްބާރުލުންނެތި އެމެރިކާ ސިފައިންނަށް އިރާގުގައި ތިބުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ. ދާދި ފަހުން ފަރަންސޭސިވިލާތުން ވެސް ވަނީ އެފްރިކާގެ ގައުމެއްކަމަށްވާ ނައިޖަރުގައި ތިބޭ އެ ގައުމުގެ ސިފައިން ބާލައިފައެވެ. އެއީ، ނައިޖަރުގެ އެދުމުގެ މަތިންނެވެ. ނައިޖަރުގެ އެދުމަށް ގޮންޖަހައި ސިފައިން ނުބޭލުމަށް ފަރަންސޭސިވިލާތް މަސައްކަތް ވެސް ކުރިއެވެ.
ނަމަވެސް ފަރަންސޭސި ސިފައިންނަށް ބޭނުންވާ ފެނާއި ކަރަންޓާ އަދި އެ ނޫން ވެސް ސަޕްލައިތައް ކަނޑާލައި ނައިޖަރުން ފަރަންސޭސި ސިފައިންނަށް އެއްބާރުލުން ނުދިނުމުން ފަރަންސޭސީންނަށް ޖެހުނީ އެ ގައުމުން ސިފައިން ބާލާށެވެ. އޭގެ ކުރިން ފަރަންސޭސީން ވަނީ މަޖުބޫރުވެގެން އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ މާލީއިން ވެސް އެ ގައުމުގެ ސިފައިން އެއްކޮށް ބާލާފައެވެ.
އެހެންކަމުން އިރާގުން ރަސްމީ ސިފައެއްގައި ސިފައިން ބޭލުމަށް އެދެފިނަމަ އެމެރިކާ ޖެހޭނީ އެކަމަށް އިޖާބަދޭށެވެ. އެކަމާ ދެކޮޅުހަދައި އިރާގަށް ގޮންޖަހައިފިނަމަ އިރާގުގައި ހަރަކާތްތެރިވާ އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ޝިކާރައަކަށް އެމެރިކާ ސިފައިންވާނެތީ މި މައްސަލާގައި އެމެރިިކާއަށް އިތުރު ފުރުސަތެއް ނޯންނާނެކަމަށް އިރާގުގެ މިޑީއާ ބުނެއެވެ.
އިރާގުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާ ހިމެނޭގޮތަށް ކުޑަ ނަމަވެސް ބޭރުގެ ބާރެއް އިރާގުގައި އޮތުމަކީ އިރާގުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންލިބޭ ކަމެކެވެ. ބޭރުގެ ލަޝްކަރު ނެތް ނަމަވެސް މިހާރު އިރާގަކީ އައިއެސް ފަދަ ޖަމާއަތްތަކާ ކުރިމަތިލުމުގެ އަމިއްލަ އަސްކަރީ ގާބިލުކަން ހުރި ގައުމެއް ކަމަށާއި އެހެންކަމުން ބޭރުގެ ސިފައިން މިހާރު އިރާގަށް ބޭނުންނުވާ ކަމަށް އިރާގުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އިރާގުގައި އެމެރިކާގެ ލައްކައަކަށް ވުރެގިނަ ސިފައިން ތިބި ދުވަސްވަރެއް ވެސް ދިޔައެވެ. އިރާގުގެ އެދުމުގެ މަތިން މިބަޔަ ލަޝްކަރު އެ ގައުމުން ބާލާފައިވަނީ 2011 ވަނަ އަހަރުއެވެ. އެއަށް ފަހު 8،000 ވަރަކަށް އެމެރިކާ ސިފައިންގެ ލަޝްކަރެއް ވެސް އިރާގުގައި އޮތެވެ. އެލަޝްކަރުގެ ބޮޑުބައި ބޭލުމަށް ފަހު މިހާރު އިރާގުގައި އޮތީ އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުގެ އެންމެ 2،500 ވަރަކަށް ސިފައިންގެ ލަޝްކަރެކެވެ.
އިރާގުގައި އެއްވެސް ވަރަކަށް ބޭރުގެ ސިފައިން އަދި ޚާއްސަކޮށް އެމެރިކާ ސިފައިން ތިބުމަކީ އިރާގުގެ ރައްޔިތުން އެދޭކަމެއް ނޫންކަން އެ ގައުމުގެ ރައްޔިތުން ގެންދަނީ އެކިއެކި އެއްވުންތަކުގައި ހާމަކުރަމުންނެވެ.