ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާއިރު ފީ ނަގަން ނިންމި ނިންމުން ބާތިލުކުރަން އަންގައިފި

ގދ. ތިނަދޫ: އެ ރަށު ކައުންސިލުން ވަނީ ރަށްވެހިކަން ދޫކޮށްލާ މީހުން އަތުން ފީއެއް ނަގަން ނިންމާފައި -- (ފޮޓޯ/ސްޓޫޑިއޯ 33)

ގދ. ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް, އެހެން ރަށްރަށަށް ބަދަލުވާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަން އެ ސިޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލުކުރަން ޖެހޭކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ނިންމައިފިއެވެ.

އެލްޖީއޭއިން މިއަދު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ، މީހުން އުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއް ރަށުން އަނެއް ރަަށަށް ހިޖުރަކުރުމަކީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ، މި މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން އެ އޮތޯރިޓީއަށް ލަފާދިނީ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ޖުމްލަ ތިން ގޮތަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ބަދަލުވެވިދާނެ ކަމަށެވެ. އޭގެ ބޭނުމަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު އޭގެ އެންމެ ފުޅާކޮށް ލިބިދިނުންކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

https://sun.mv/187140

އެހެންކަމުން ރަށްވެހިކަން އެހެން ރަށަކަށް ބަދަލުކުރާނަމަ 5000 ރުފިޔާ ނަގަން ތިނަދޫ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށާއި އެ ނިންމުން ބާތިލުކުރަން ޖެހޭ ކަމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

ތިނަދޫގެ ރަށްވެހިކަން ދޫކުރާ މީހުންގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައި ބުނީ، އެގޮތަށް ނިންމީ ތިނަދޫ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އެ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާ ކަމެއްކަން ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.

comment ކޮމެންޓް