ރަށްވެހިކަން ދޫކޮށްލަން ފީ ނެގުން ހުއްޓައިލަން އެލްޖީއޭއިން އަންގައިފި

ގދ. ތިނަދޫ: އެ ސިޓީ ކައުންސިލުން ވަނީ ރަށްވެހިކަން ދޫކޮށްލާ މީހުން އަތުން ފީއެއްނަގަން ފަށައިކަން އިއުލާނުކޮށްފައެވެ. އެކަމަކު، އެލްޖީއޭއިން ވަނީ އެކަން ހުއްޓައިލަން އަންގާފައި (ފޮޓޯ / ސްޓޫޑިއޯ33)

ގދ. ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަން އެ ރަށުގެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގަވާއިދާ ޚިލާފަށް ނިންމި ނިންމުމެއް ނަމަ، އެކަން ހުއްޓާލަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު އަންގައިފިއެވެ.

އެލްޖީއޭއިން މިއަދު ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއް ރަށުން އަނެއް ރަަށަށް ހިޖުރަކުރުމަކީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ކަމަށެވެ.

އެ ސިޓީގައި ވަނީ، ރަށެއްގައި ވަޒަންވެރިވުމާއި އެއް ރަށުން އަނެއް ރަަށަށް ހިޖުރަކުރުމުގެ ހައްގުގެ އެއްވެސް މިންވަރެއް ހިފެއްޓޭނީ، ގާނޫނު އަސާސީއާ ތައާރަޟުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް، ގާނޫނު އަސަސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފުލެޓެއް ހުރިނަމަ އިތުރު އެއްވެސް ޝަރުތަކައިނުލާ އެ ރަށެއްގެ ރަށްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި ދޭންޖެހޭނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އެހެންކަމުން ރަށްވެހިކަމުން ވަކިކުރުމަށާއި ޖެއްސުމަށް ފީ ނަގަންވާނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނާ މަޝްވަރާކޮށް، އެ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން، ކައުންސިލުން އެކުލަވައިލާ އިޖުރާތަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގެޒެޓުކުރެވިފައިވާ ގަވާއިދެއްގެ ތެރެއިން ކަމަށް އެލްޖީއޭއިން ބުންޏެވެ.

https://www.sun.mv/187056

އެލްޖީއޭއިން ވަނީ އެއާ ޚިލާފަށް ރަށްވެހިކަމުގައި ޖެއްސުމަށާއި ވަކިކުރުމަށް ފީ ނަގާނަމަ އެކަން ހުއްޓާލުމަށް ގޮވާލައިފައެވެ.

އަދި، ރަށްވެހިކަމުގައި ޖެއްސުމަށާއި ވަކިކުރުމަށް ފީ ނެގުމާ ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށް ގަވާއިދެއް އެކުލަވައިލާފައިފާ ވާނަމަ، އެކަމުގެ މައުލޫމާތާއި އެ ގަވާއިދު ކޮޕީ، ރައްޔިތުންނާ މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމުގެ ޔައުމިއްޔާ، ބައްދަލުވުމުގެ ނިންމުން، ބައްދަލުވުމަށް ހާޒިރުވީ މީހުންގެ އަދަދު އެނގޭނޭފަދަ ތަފުސީލީ ލިޔުންތައް އެ އޮތޯރިޓީއަށް މާދަމާ 2:00ގެ ކުރިން ހުށަހެޅުމަށް އެލްޖީއޭއިން ވަނީ އެދިފައެވެ.

ތިނަދޫގެ ރަށްވެހިކަން ދޫކުރާ މީހުންގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައި ބުނީ، އެގޮތަށް ނިންމީ ތިނަދޫ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އެ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާ ކަމެއްކަން ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.

comment ކޮމެންޓް