މެސީ، ޕީއެސްޖީއަށް އިހުތިރާމެއް ނުކުރޭ: އަލް ޚަލައިފީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕީއެސްޖީގެ ރައީސް ނާސިރް އަލް ޚަލައިފީ -- ފޮޓޯ/ ގެޓީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް އިހުތިރާމު ނުކުރާ ކަމަށް އެ ކްލަބުގެ ރައީސް ނާސިރް އަލް ޚަލައިފީ ވިދާޅުވެއްޖެއެވެ.

ޕީއެސްޖީއަށް ކުޅުނު 75 މެޗުގައި ޖެހި 67 ގޯލަށްފަހު، މިދިޔަ ސީޒަން ނިމުމާއެކު އޭނާ ވަނީ އެ ކްލަބު ދޫކޮށް އެމެރިކާގެ އިންޓަ މަޔާމީއާ ގުޅިފައެވެ. ޕީއެސްޖީއާ ދުރަށް ދިއުމަށްފަހު މެސީ ވަނީ، އެ ކްލަބުގައި އޭނާ ހޭދަކުރަން ޖެހުނީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް ސިފަކޮށްފައެވެ. މެސީގެ އެ ވާހަކަތަކަށް އެ ކްލަބުގެ ރައީސް އަލް ޚަލައިފީ ވަނީ ރައްދުދީފައެވެ.

"އަހަރެމެން އެ ވާހަކަ ދައްކަން ޖެހޭނީ ކްލަބުގައި ހުންނަ ދުވަސްވަރުގައި، ކްލަބުން ދިއުމަށްފަހުގައެއް ނޫން. އަހަރެން މެސީއަށް އިހުތިރާމުކުރަން. އެކަމަކު ޕީއެސްޖީއާ މެދު އެގޮތަށް ވާހަކަދެއްކުމަކީ އަހަރެންނަށް އެހާ ރަނގަޅު ކަމަކަށް ނުވޭ. އެއީ ކްލަބަށް އިހުތިރާމު ނުކުރުން. މެސީއަކީ ގޯސް މީހެއް ނޫން، އެކަމަކު އެގޮތަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން،" 'އާރުއެމްސީ ސްޕޯޓް'އަށް ދިން އިންޓަވިއުއެއްގައި އަލް ޚަލައިފީ ވިދާޅުވިއެވެ.

މެސީ، ޕީއެސްޖީ ދޫކޮށްލާފައިވަނީ އޭނާއަށް އެ ކްލަބުގެ ސަޕޯޓަރުން ފާޑުކިޔުންތައް އަމާޒުކުރަމުންދަނިކޮށެވެ. އުމުރުން 36 އަހަރުގެ މެސީ ވަނީ އިންޓަ މަޔާމީއާ ގުޅުމަށްފަހު، އެ ކްލަބަށް މިދިޔަ އަހަރުގެ ލީގު ކަޕް ކާމިޔާބުކޮށްދީ، އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ އާ ސީޒަން ފެށުމުގެ ކުރިން މެސީ މިވަގުތު ހުރީ ޗުއްޓީގައެވެ. ސީޒަން ފެށުމުގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި އިންޓަ މަޔާމީއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހު މެސީ, ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރާ ދެކޮޅަށް ނުކުންނާނެއެވެ.

comment ކޮމެންޓް