ލ. ދަނބިދުށް މާދަމާ ވަގުތީ ޓީޗަރެެއް ފޮނުވައި، އަންނަ ބުރާސްފަތި ދުވަހު ދާއިމީ ޓީޗަރެއް ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފައިވާ ކަމަށް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ދަނބިދޫ ސުކޫލުގައި ދެ މާއްދާއެއް ކިޔަވައިދޭ ޓީޗަރުން ނެތީސް ކިޔަވައިދޭތީ ބެލެނިވެރިން ނުކުމެ އިއްޔެ ވަނީ އެ ސްކޫލު ބަންދު ކޮށްފައެވެ. އަދި އެ މައްސަލަ ހައްލު ނުކޮށް ކިޔަވައިދެމުންދާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މައުލުމާތު ދެެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް ހުސެން ފަޒީލް 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅުމުން މުދައްރިސުން ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"ލ. ގަމު އިހައްދޫ ސްކޫލުން އިކޮނޮމިކްސް ކިޔަވައިދޭ ޓީޗަރު އެއް ހަފުތާއަށް ދަނބިދޫ ސްކޫލަށް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުނީ. ދެން މި ހަފުތާގެ ބުރާސްފަތި ދުވަހު ދާއިމީ ޓީޗަރަކު ދަނބިދޫއަށް ފޮނުވާގޮތަށް،" ފަޒީލް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ސްކޫލްގެ ބެލެނިވެރިން ތިބީ އެ މީހުންގެ 'ޑިމާންޑު'ތަކަށް ހައްލެއް ލިބުމުގެ ކުރިން، މުޒާހަރާ ހުއްޓާނުލާން ނިންމައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އެންމެ ބޮޑު ޑިމާންޑަކަށް އޮތީ ސްކޫލްގެ ޕްރިންސިޕަލު މަގާމުން ވަކިކުރުން ކަމަށެވެ. އެކަމަށް ގޮވާލައި ޕެޓިޝަނެއް ހަދަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ސުކޫލުގެ ކިޔެވުން ފަށާނީ މައްސަލަތައް ހައްލުވުމުން ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށީ މި ހަފުތާގެ އާދިއްތަ ދުވަހުއެވެ.