ލ. ދަނބިދޫ ސުކޫލުގައި ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭތީ ބެލެނިވެރިން ނުކުމެ މިއަދު އެ ސުކޫލު ބަންދުކޮށްފިއެވެ.
ދަނބިދޫ ކައުންސިލުގެ ނައިބު ރައީސް ހުސެއިން ފަޒީލް "ސަން"އަށް ވިދާޅުވީ، ބެލެނިވެރިން ނުކުމެ ސުކޫލު ބަންދުކޮށްފައިވަނީ ސުކޫލުގައި ކިޔަވައިދެމުންދާ ޓީޗަރުން މަދުވުމާއި ސުކޫލު އިމާރާތް ހަލާކުވެފައިވާތީ ކަމަށެވެ. އެ ސުކޫލުގައި ކިޔަވައިދިނުމުގެ ފެންވަރު ވެސް ދަށްވެފައިވާ ކަމަށާއި އެހެންވެ ސްކޫލު މެނޭޖުމެންޓާ ދޭތެރޭ ބެލެނިވެރިން ހިތްހަމަނުޖެހޭ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"ވަރަށް ދުވަސްވެއްޖެ ޓީޗަރުން ނެތި ކިޔަވައިދޭތާ. ހުސްވި އަހަރު ވެސް އެއްކޮށް ކިޔަވާދިނީ ހިސާބު ޓީޗަރަކު ނެތި. މިހާރު ވެސް ދެ މާއްދާގެ ޓީޗަރުން ނެތް," ފަޒީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްކޫލުގެ ބައެއް ކުލާސް ރޫމްތަކުގައި ކިޔަވާދޭން ނުރައްކާތެރިވާ މިންވަރަށް ހަލާކުވެފައިވާ ކަމަށެވެ.
"ބައެއް ކުލާސްރޫމްތައް ވަރަށް ބޮޑަށް ވީރާނާ ވެގެން ބަންދުކުރީ. ސީލީންގު ވެސް ގާތްގަނޑަކަށް ވެއްޓޭ ވަރުވެފައި އޮތީ،" ފަޒީލް ކިޔައިދެއްވިއެވެ.
މި މައްސަލަތައް ހައްލު ނުކޮށް ކިޔަވައިދޭތާ ފަސް ވަރަކަށް އަހަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަޒީލް ވިދާޅުވި ގޮތުގައި މި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވާތީ، މިއަދު ހެނދުނު 6:15 ހާއިރު ބެލެނިވެރިން ނުކުމެ، ސްކޫލު ބަންދުކޮށްފައިވާ ކަމަށެވެ.
"އޭރުން ފެށިގެން ބެލެނިވެރިން އަދިވެސް މުޒާހާރަ ކަރަމުންދަނީ. މާދަމާ ވެސް މުޒާހަރާ ކުރާ ގޮތަށް ހަމަޖެހިފަ އޮތީ،" ފަޒީލް ވިދާޅުވިއެވެ.
ސުކޫލުގެ ކިޔެވުން ފަށާނީ މައްސަލަތައް ހައްލުވުމުން ކަމަށް ފަޒީލް ވިދާޅުވިއެވެ.
އެހެންވެ، މީގެ ކުރިން ވެސް މި މައްސަލަތައް ހައްލުކުރަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ ސުކޫލުގެ މަރާމާތުގެ މަސައްކަތްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ މިނިސްޓްރީގެ އޮފިޝަލަކު މާދަމާ އެ ރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.