ކަނބާ އައިސާރަނި ހިނގުމާ ހަމައަށް، މާދަމާ އަމީނީ މަގު ހުޅުވާލަނީ

އަމީނީ މަގު އައިޖީއެމްއެޗު ހުންނަ ގޯޅިއާ ހަމައަށް މާދަމާ ހުޅުވައިލަނީ-- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

އައިޖީއެމްއެޗު ހުންނަ ކަނބާ އައިސާރަނި ހިނގުމާ ހަމައަށް މާދަމާ އަމީނީ މަގު ހުޅުވައިލަން އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އެ މިނިސްޓްރީން ބުނީ އަމީނީ މަގާއި އިއްޒުއްދީންމަގާ ގުޅޭ ޖަންކްޝަން އަދި، ކަނބާ އައިސާރަނި ހިނގުމާއި އަމީނީ މަގަ ގުޅޭ ޖަންކްޝަން މާދަމާ ހެނދުނު 6:00ގައި ޓްރެފިކަށް ހުޅުވައިލާނެ ކަމަށެވެ.

އަދި އެންމެ ފަހުން ތާރު އަޅައި ނިންމި އެ މަގުގެ ސެގްމެންޓު 12 އަދި 13 މިއަންނަ ހޮނިހިރު ދުވަހުގެ 6:00 ގައި ހުޅުވައިލެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ ސަރުކާރުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި، އަމީނީ މަގުގެ އެންމެ ފަހުން ނިންމި ސެގްމެންޓް ކަމަށްވާ 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް