އިންޓަ މަޔާމީން ކުޓީނިއޯ ވެސް ގެންދަނީ!

ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ -- ފޮޓޯ/ ގެޓީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ އިންޓަ މަޔާމީން ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ގެންދިއުމަށް ވެސް މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އިންޓަ މަޔާމީން ވަނީ މެސީއަށްފަހު ބާސެލޯނާގައި އޭނާއާއެކު ކުޅުނު ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް، ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ އަދި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒްގެ ސޮއި ވެސް ހޯދައިފައެވެ. ކުޓީނިއޯ އަކީ ވެސް މެސީއާއެކު ބާސާގައި ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ.

އެމެރިކާގެ މީޑިއާގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ އިންޓަ މަޔާމީން އުމުރުން 31 އަހަރުގެ ކުޓީނިއޯ ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ވާހަކައެކެވެ. އިނގިރޭސިވިލާތުގެ އެސްޓަން ވިލާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ކުޓީނިއޯ މިވަގުތު ލޯނުގެ ދަށުން ކުޅެމުންދަނީ ގަތަރުގެ އަލް ދުހައިލްއަށެވެ.

މިސީޒަނުގައި އަލް ދުހައިލްއަށް ކުޓީނިއޯ ކުޅެމުންދިޔަ ނަމަވެސް، އޭނާއަށް އެ ކްލަބުގައި އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތް ވަނީ ނުވެފައެވެ. މިހާތަނަށް އަލް ދުހައިލްގެ ޓީމުން 419 މިނެޓަށް ކުޓީނިއޯ ފެނިފައިވާ އިރު، މިމަހުގެ ޓްރާންސްފާގައި އެހެން ކްލަބަކަށް އޭނާ ބަދަލުވާނެ ކަމުގެ ވާހަކަތަކެއް މީގެ ކުރިން ވެސް ވަނީ ދެކެވިފައެވެ. ކުޓީނިއޯ އަކީ އެމެރިކާގެ އެލްއޭ ގެލެކްސީން ވެސް ޓާގެޓުކުރާ ކުޅުންތެރިއެކެވެ.

ލިވަޕޫލުން 2018 ވަނަ އަހަރު 105 މިލިއަން ޕައުންޑް (134 މިލިއަން ޑޮލަރު)ގެ އަގަކަށް ބާސާއާ ގުޅުނު ކުޓީނިއޯ ވަނީ އެ ކްލަބުގައި ތިން ސީޒަން ހޭދަކޮށްފައެވެ. ނަމަވެސް ލިވަޕޫލުގައި ދެއްކި މޮޅު ކުޅުން ބާސާގައި އޭނާއަށް ދެއްކިފައެއް ނުވެއެވެ.

comment ކޮމެންޓް