ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ޕީޖީއާއި ސީޕީ މަޝްވަރާ ކޮށްފި

ޕީޖީ ޝަމީމާއި ސީޕީ ޝުޖާއުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޕީޖީ އޮފީސް

ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާއި ކުށްކޮށްގެން މުދަލާއި ފައިސާ ހޯދުން ހުއްޓުވުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި، އަލަށް އައްޔަންކުރެއްވި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރެއްވީ ޕީޖީ ޝަމީމާއި ސީޕީ ޝުޖާއުއާ ދެ ބޭފުޅުންގެ މިއަދު ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ. އެ ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު މަހްމޫދު ސަލީމްގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު ޢަލީ ސަމީރާއި، ދެއިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގަވަން ގަސްދުކުރައްވާ ޕްރޮގްރާމްތަކަށް އަލި އަޅުވާލިއެވެ.

އެ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޕީޖީ ޝަމީމް އެރުވިއެވެ.

މީގެ އިތުރުން، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ކުރިއަށްދާނެ ގޮތްތަކެއް މި ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައެވެ.

ސީޕީ ޝުޖާޢުއާއި ކޮމިޝަނަރުގެ ޓީމާއެކު ވޭތުވެދިޔަ ފަނަރަ އަހަރު އެކި ފެންވަރުގައި، އެކި ގޮތްގޮތަށް އެއްކޮށް މަސައްކަތްކޮށް، އެކުވެރި، ހަރުދަނާ ގާތް ގުޅުމެއް ބަދަހިވެފައި އޮތްކަން ޕީޖީ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް