ހަމަލާ ދިނީ ޝަމީމަށް ސެކިއުރިޓީ ދިނުން ހުއްޓައިލާފައި އޮއްވައި: ސީޕީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު -- ފޮޓޯ/ ފުލުހުން

އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިންއިރު، އޭނާއަށް ފުލުހުން ސެކިއުރިޓީ ފޯރުކޮށްދެމުން ނުދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އިއްޔެ ހެނދުނު ސައިކަލެއްގައި ދިޔަ ދެ މީހަކު ވަނީ މަގުމަތިން ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމުކޮށްލައިފައެވެ. އެ މައްސަލައިގައި މިއަދު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެކަމަކު، އެ މައްސަލައިގެ އިތުރު މާ ބޮޑު ތަފުސީލުތަކެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، އެ ހާދިސާ ހިނގިއިރު ފުލުހުން ޕީޖީ ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދެމުންނުދާ ކަމަށެވެ.

އެގޮތުން، ކުރިން ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާ ގުޅިގެން ފުލުހުން ހެދި ތްރެޓު އެސެސްމެންޓެއްގައި ޕީޖީއަށް ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ ކަމަށް ފެނިފައިވާތީ ކުރިން ސެކިއުރިޓީ ފޯރުކޮށްދިން ކަމަށެވެ. އެކަމަކު، އެ މައްސަލައަށް ފަހު ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓައިލާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އެހެންނަމަވެސް އެކަން ނިމުނީމާ ޕީޖީއަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓައިލާފައިވަނީ. އެހެންވީމާ އެގޮތަށް ދިޔަ ދުވަސްވަރެއްގައި މި ހާދިސާ ހިނގާފައިވަނީ،" ސީޕީ ޝުޖާއު ވިދާޅުވިއެވެ.

އިއްޔެ ހެނދުނު ޕީޖި ޝަމީމަށް ހަމަލާ ދީފައިވަނީ މޫނު ނިވާ ކޮށްގެން ސައިކަލެއްގައި އައި ދެ މީހުންނެވެ. ފުލުހުން މިހާރު ވަނީ އެއީ ކޮން ބައެއްކަން ދެނެގަނެފައެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އިތުރު މީހުން ވެސް ޝާމިލުވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލެއްގައި އައި ދެ މީހަކު އިއްޔެ ހެނދުނު ވަނީ ޝަމީމަށް ހަމަލާދީ، އަތް ޒަޚަމުކޮށްލައިފައެވެ. ހަމަލާއަށް ފަހު، ސިފައިން މިހާރު އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އިއްޔެ ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް