ރޯދަމަހަށް ޚާއްޞަކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕުރޮގްރާމެއް

"ފަހި ރާސްތާ" ޕުރޮގްރާމްގެ ތެރެއިން--- ސަން ފޮޓޯ

ރޯދަމަހަށް ޚާއްޞަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޕުރޮގްރާމެއް ފުލުހުން ފަށައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ސޯޝަލް ސެންޓަރު ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި، 'ފަހިރާސްތާ' ޕްރޮގްރާމް ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

އެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކަލާފާނު ސްކޫލުގެ ޓްރެފިކް މޮނީޓަރުންގެ ޓްރެފިކް އެވެއާނެސް ހަރަކާތަކާއި، އެކްސިޑެންޓުވެފައިވާ މީހަކަށް އަވަސްފަރުވާދީ އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ ހަރަކާތެއް މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައި އަމީން ދެއްކެވި ވާހަކައިގައި މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ވިދާޅުވެ، ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެންމެން ވެސް އުޅުމަށް ނަސޭހަތްތެރިވިއެވެ.

އަމީން ވިދާޅުވީ މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ގޯސް ހާލަތަކަށް ގޮސްފައިވަނީ އެއްދުވަހުން ދެދުވަހުން ނޫން ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ ޚިލާފަށް ކަންކަން ކުރުމުގެ ސަބަބުން މިއަދު ފުލުހުންނާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކުލަވާލި ބޮޑު ޕްރޮގްރާމަކީ އެއްދުވަހުން ދެދުވަހުން ވާނޭ ކަންކަން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޕްލޭނެއް ކުރިއަށް ގެންދާނެކަމަށާއި މި ޕްލޭނުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ހައްލެއް ލިބި، ޓްރެފިކް މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މުޅި އަހަރަށް ތާވަލުކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ތެރެއިން ރަމަޟާން މަހަށް ހާއްސަކޮށްގެން މިފެށޭ ފަހިރާސްތާ ޕްރޮގްރާމުގައި، މިއަދުގެ ޓްރެފިކް ހާލަތު ތަސައްވަރު ކުރުން ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވީ ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވުމާއި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މަދުބައެއްގެ ސަބަބުން މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މިފަދަ އެތައް ކަމެއްގެ ތެރެއިން މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މިއަދު ކުރައްމުންދާ ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އިސްނެގުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ ގުޅިގެން، މާލޭގެ މަގުތަކަށް އުކާލާފައިވާ ވެހިކަލްތަކުގެ ބައިތައް ނަގައި ޕާކްކުރުމަށް އިތުރު ޖާގަ ތަނަވަސްކޮށްދިނުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރުމާއެކު، އެކަމަށްޓަކައި ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުއެކީގައި ކުރެވެމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މާލޭގެ މަގުތަކަކީ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ ތަނަކަށް ހެދުމަށްޓަކައި، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅަމުން ގެންދާކަމަށް ވިދާޅުވިއެވެ.

މި ރަމަޟާން މަހަށް ހާއްސަކޮށްގެން، މިސްކިތްތަކަށް ވަދެނުކުމެވާ ފަރާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކޮށްފައި ހުންނަ ރޭންޕުތަކަށް ދަތިވާ ގޮތަށް ހުންނަ އުޅަދުތަކަށް ޓޯކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވިއެވެ.

ބާޒާރު މަތީގެ ޓްރެފިކް ފްލޯ ތަރުތީބުކޮށް ފަސޭހަކުރުމުގެ މަސައްކަތްތައް މިހާރުވެސް ހިނގަމުން ދާކަމަށާއި ގޮންޖެހުން ބޮޑު ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންނާ ވަރަށްގާތުން މަސައްކަތްކުރަމުންދާ ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ. އަދި ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ކަންކަން ކުރަންވީ ރަނގަޅުގޮތް އަންގައިދީ ވިސްނައިދީ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް ވަރަށް ރޭވުންތެރިކަމާއެކު، ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރަމަޟާންމަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެކަމަށް ފުލުހުން ބުންޏެވެ.

އަދި ހައިވޭގެއި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލަމުންދާނެކަމަށްށެވެ. އެގޮތުން ހުއްޓުވާ އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވާ މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަރާއި ރައްކާތެރި ހެލްމެޓު ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ރަމަޟާން މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ.

ފުލުހުން ބުނީ ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ދަ ހޯކްސް ގުޅިގެންނެވެ.

comment ކޮމެންޓް