ސީޕީ ޝުޖާއު އައްޑުއާއި ފުވައްމުލަކަށް؛ ކައުންސިލާއެކު ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތަކެއް

ކޮމިޝަނަރ އޮފް ޕޮލިސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި--- ޕޮލިސް

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ސީޕީގެ އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި، ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމާއި ސްޕޯކްސްޕާސަން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާންގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުގައި ސީޕީ ޝުޖާއު މިއަދު ވަނީ އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވާފައެވެ.

މީގެ އިތުރުން ސީޕީ ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުުހުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާ ގުޅިގެން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް އޮޅުންފިލުއްވައިފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ސީޕީގެ ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ފުވައްމުލައް ސިޓީންނެވެ.

comment ކޮމެންޓް