މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި، ޒަމީރާއި ނައިބު ވަޒީރުން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު: އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސް ކުރި މައްސަލައިގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެ ވާހަކަތައް ދެއްކެވި ނައިބު ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ވަނީ ހުށަހަޅައިފައި --

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ކުޑައިމީސް ކުރި މައްސަލައިގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެ ވާހަކަތައް ދެއްކެވި ނައިބު ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު އެކްސްގައި ވަނީ އެ މައްސަލައިގައި ޒަމީރާ ސުވާލުކުރަން ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ސުވާލުގައި ވަނީ މޯދީއަށް ކުޑައިމީސް ކުރުމުން ވެސް ސަރުކާރުގެ ފަރާތުން ރަސްމީ ސިފައިއެއްގައި އިންޑީއާގެ ކިބައިން މާފަށް އެދިފައިނުވަނީ ކިއްވެތޯ އާއި ނައިބު ވަޒީރުން މަގާމުން ވަކި ނުކުރަނީ ކީއްވެތޯ އައްސަވައިފައެވެ.

އެ މައްސަލައިގައި ޝާމިލުވަނީ ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ ތިން ބޭފުޅުން ވެސް އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ.

އެ ތިން ނައިބު ވަޒީރުންނާއި ސަރުކާރުގެ ކަމާ ބެހޭ އެންމެހައި ފަރާތްތައް ވެސް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެދިވަޑައިގެން މީކާއީލް ވިދާޅުވީ، އެ ތިން ބޭފުޅުންގެ ބަސްފުޅުތަކާ ގުޅިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެދި، ދެގައުމުގެ ދޭދޭ ގުޅުމަށް މިއިން ޒަމާނަކު ނާންނަ ވަރަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން ފާއިތުވެދިޔަ 48 ގަޑިއިރު އެކަނިވެސް އިންޑިއާގެ ވަރަށް ގިނަ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުން ދަނީ އިންޑިއާގެ އެކި ފަރާތްތަކުން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުންދާކަން ހާމަކުރަމުންނެވެ." މީކާއީލް ވިދާޅުވިއެވެ.

އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބި ބޭސްފަރުވާ އަަށާއި އެހެނިހެން އަސާސީ ބޭނުންތަކަށް އިންޑިއާއަށް ބަރޯސާވާ ދިވެހިންނަށް އުނދަގޫތަކާ ކުރިމަތިލާންޖެހި، ރާއްޖެއަށް ޒަމާނުއްސުރެ އެންމެ ގާތް ގުޅުމެއް އޮތް އެގައުމާ މޫނުކެނޑޭ ހިސާބަށް ގޮސްދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި އިންޑިއާއާ ގުޅޭ ގޮތުން ހާމަކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށެވެ. އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

https://sun.mv/187061

އެ މައްސަލައާ ގުޅިގެން، އިންޑިއާގެ މަޝްހޫރު ތަރިން ހިމެނޭ ގޮތަށް، ރާއްޖެ ނައުމަށް ގޮވާލައި އެގައުމުގައި ސޯޝަލް މީޑިއާ ކެމްޕެއިން ފަށާފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އެގައުމުންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.

comment ކޮމެންޓް