ކްލަބު ވެލެންސިއާގެ ޗެއާމަންކަމުން ވަކިކުރުމަށް އިތުބާރުނެތް ކަމަށް ބޯޑުން ނިންމީ ކްލަބުގެ ހިންގާ ގަވާއިދާ ހިލާފަށް ކަމަށާއި އެ ކްލަބުގެ ނަން ބޭނުންކޮށްގެން ނާޖާއިޒު އެއްވެސް ފައިދާއެއް ނަގާފައި ނުވާނެ ކަމަށް ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަޒްމީން ވިދާޅުވެއްޖެއެވެ.
ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަޒްމީން، ވެލެންސިއާގެ ޗެއާމަންކަމަށް އައްޔަންކުރިތާ އަދި މާ ގިނަ ދުވަސްތަކެއް ވެފައިނުވާއިރު، އޭނާ މަގާމުން ވަކިކޮށްފައިވަނީ އެފްއޭއެމްގެ އިންތިހާބަށް ދޫކުރި ތާއީދު ސިޓީތަކުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ވެލެންސިއާގެ ބޯޑުން އަޒްމީންގެ އިތުބާރު ނެތްކަން އިއުލާންކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކްލަބުގެ ވައިސް ޗެއާމަން އިލްމާއު ހުސައިން އިބްރާހީމާއި ބޯޑު މެންބަރު ހަސަން ވަހީދު ވަނީ އަޒްމީންގެ މައްޗަށް ތުހުމަތުތަކެއް ވެސް ކުރައްވައިފައެވެ. އެގޮތުން އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާ އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް)ގެ އަތުން އަޒްމީން ފައިސާ ނެންގެވި ކަމަށް ތުހުމަތުކުރެއްވިއެވެ.
އޭގެ އިތުރުން ހަސަން ވަހީދު ވިދާޅުވީ މިދިޔަ މަހުގެ 26ގައި ވަޓްސްއެޕް މެދުވެރިކޮށް އަޒްމީން އިސްތިއުފާގެ ސިޓީއެއް ފޮނުވުމުން, ކްލަބުގެ މެއިލްއަށް އެ ސިޓީ ފޯވަޑް ކުރި ނަމަވެސް، އެ މެއިލްގެ ޕާސްވޯޑު އޮންނަނީ އަޒްމީންގެ އަތުގައިކަމުން، އެ ހޯދޭނެ ގޮތް ވެފައިނުވާ ކަމަށެވެ.
އެ މައްސަލައަށް ރައްދުދެއްވުމަށް އަޒްމީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުން ސިޓީއެއް ފޮނުއްވާފައި ނުވާނެ ކަމަށާއި ވެލެންސިއާގެ ހިންގާ ގަވާއިދުގައިވާ ގޮތުން ހިންގާ ކޮމިޓީގެ ޖަލްސާއެއް އެންމެ އަވަހަށް ބޭއްވޭނީ އެކަމަށް އެދި މެންބަރުން ޗެއާމަނަށް ދެންނެވުމުން މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް މެންބަރަކު އެދިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕްރެސް ކޮންފަރެންސްގައި ނައިބު ރައީސް އިލްމާއު ހުސައިން ވެސް ވިދާޅުވެފައިވަނީ 26 ވަނަ ހިންގާ ކޮމިޓީ އެއްކުރަން އެދިފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށެވެ. ބައްސާމަކީ ވެލެންސިއާގެ ހިންގާ ކޮމިޓީގެ މެންބަރެއް ނޫނެވެ. އަދި އެ ދުވަހު އިލްމާއުއަށް ގުޅައި، އިސްތިއުފާގެ ވާހަކަ ދައްކާފައިވާ ކަމަށްބުނެ އާންމުކޮށްފައިވަނީ ހަގީގަތާ ހިލާފު ވާހަކައެކެވެ. މީގެ އިތުރުން އަޅުގަނޑު މަގާމުން އިސްތިއުފާ ދީފައިވާ ނަމަ، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ސަބަބެއް ސާފުނުވާކަން ވެސް ޕްރެސް ކޮންފަރެންސުން ފާހަގަވިއެވެ..،" އަޒްމީންގެ ބަޔާނުގައި ވިދާޅުވިއެވެ.
އަޒްމީން ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ ޓޮމް އާއި މުވާފިޒް ހާޝިމް (މުފާ)އާ ވެސް ވެލެންސިއާ އިން ބައްދަލުކޮށްފައިވާނެ ކަމަށާއި އެއަށްފަހު ބޯޑާއި ވެލެންސިއާގެ މަސްލަހަތު އޮންނަ ފަރާތްތަކުން އެންގި ގޮތަށް ޓޮމްއަށް ތާއީދުކުރަން ނިންމައި ތާއީދު ސިޓީ ދީފައިވާނީ އޭނާގެ ޖެނެރަލް ސެކްރެޓަރީކަމުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ވެލެންސިއާގެ މަސްލަހަތު އޮންނަ ބައެއް ފަރާތްތަކުން އެ ނިންމުން ބަދަލުކުރުމަށް ބާރު އަޅައި، ކްލަބުގެ ބޯޑަށް ނޭނގި ތާއީދު ސިޓީއެއް އުފައްދައި، އެކްސްކޯ މެންބަރަކު ލައްވައި ސޮއިކުރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން އެގޮތަށް ހިނގުމުން ކްލަބުގެ މަސްލަހަތު އޮންނަ ފަރާތަކުން ބާރު އަޅައިގެން އިތުރު ސިޓީއެއް އެހެން ފަރާތަކަށް ދިނުމަށް އެދެން ފެށުމުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށާއި އިތުރު ސިޓީއެއް އުފައްދައި ބޯޑު ފަސް މެންބަރަކު ލައްވައި ސޮއިކުރުވީ ޓޮމްއަށް ސިޓީ ދިން ފަހުން ކަމަށެވެ. އަދި އެ ސިޓީގައި ސޮއިކޮށްފައިނުވަނީ އޭނާ އާއި އިސްމާއިލް އާސިފް (ކުޑަހީނާ) އަދި މުހައްމަދު ރާފިއު ކަމަށް އަޒްމީން ވިދާޅުވިއެވެ.
އަޒްމީން އިތުރަށް ވިދާޅުވީ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޗެއާމަންކަމުގެ މަގާމުގައި ވެސް އޭނާ ހިދުމަތްކުރައްވާފައިވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށާއި ކްލަބުގެ ނަން ބޭނުންކޮށްގެން ނާޖާއިޒު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެސް ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް އެފްއޭއެމުން ވަނީ އެދިފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އަދި ގޮތެއް ނިންމިފައެއް ނުވެއެވެ.
އެ މައްސަލައިގައި ޓޮމްއަށް ދީފައިވާ ވެލެންސިއާގެ ސިޓީ ބަލައިނުގަންނަން ނިންމައިފި ނަމަ، އޭނާގެ ފޯމު ބަލައެއް ނުގަނެވޭނެއެވެ. އެއީ އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބުގައި ވާދަކުރުމަށް މަދުވެގެން ތިން ކްލަބެއްގެ ތާއީދު ބޭނުންވާނެތީއެވެ. ވެލެންސިއާގެ ސިޓީއާއެކު ޓޮމް ފޯމު ހުށަހެޅުއްވީ ތިން ކްލަބެއްގެ ތާއީދާއެކުއެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި މުފާ، އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ވެލެންސިއާ ހިމެނޭގޮތަށް ހަ ކްލަބެއްގެ ތާއީދާއެކުއެވެ.