ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެން ހިނދުމުން، މީހުން ވަޅުލުން އަލުން އެ ސަހަރާއަށް އިއްޔެ ބަދަލުކޮށްފިއެވެ.
މިދިޔަ ހަފުތާގައި މާލޭއާއި މުޅި ރާއްޖެއަށް ވެސް ހުއްޓުމެއް ނެތި ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލޭ ސަހަރާގައި ވަނީ ފެންބޮޑުވެފައެވެ. އެކަމުގެ ސަބަބުން، އެ ތަނުގައި މީހުން ވަޅުލައި ހިނެވުމުގެ މަސައްކަތަށް ވެސް ވަނީ ބުރޫއަރައިފައެވެ.
އެހެންވެ، މީހުން ވަޅުލުމުގެ ކަންކަން ވަގުތީ ގޮތުން ވަނީ މާލޭގެ ގަލޮޅު އާ ސަހަރާއަށް ބަދަލުކޮށްފައެވެ. އެއީ، މިދިޔަ ބުދަ ދުވަހުއެވެ. މައްޔިތުންގެ ކަށުނަމާދާއި ހިނެވުން ކުރިއަށްގެންދިޔައީ ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
އާސަހަރާ މިސްކިތުގެ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު މިއަދު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި، އެ މައްސަލަ ހައްލުވެ، މީހުން ވަޅުލުން ރޭ ވަނީ އަލުން ހުޅުމާލޭ ސަހަރާއަށް ބަދަލުކޮށްފައެވެ.
"އެ ކަން ހައްލުވެ ރޭގަ މައްޔިތުން ވަޅުލަން ފެށީ. ބިމު އަޑިން ފެން ހިނދުނީމަ ހުޅުމާލެ ސަހަރާއަށް ބަދަލުކުރީ،" މުނައްވަރު ބުންޏެވެ.
މީގެ ކުރިން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މީހުން ވަޅުލުމަށް ބިންގަނޑުގެ އަޑިން ދެ ފުޓާއި ތިން ފޫޓު އަޑިއަށް ކޮންނަންޖެހޭ ކަމަށެވެ. ނަމަވެސް، މިދިޔަ ބުދަ ދުވަހު ހުޅުމާލޭ ސަހަރާގައި އެއް ފޫޓު އަޑިއަށް ކޮންނަ ހިސާބުން، ފެންގަނޑު މައްޗަށް އަރައި ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި މީހުން ހިނެވުމަށް ބެނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދު ކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. އެކަމަކު، އެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ. އެހެންވެ، މިހާރު މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލެ ސަހާރަގައެވެ.