2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ކިޔެވުން ފަށާ ގޮތަށް ބަދަލުކޮށްފި

އޮގަސްޓް 10، 2021: ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމަށްފަހު އަހަރެއްގެ މެދު ތެރެއިން ސްކޫލްތައް ހުޅުވައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ފާސްކޮށްފިއެވެ.

މި ނިންމުން ނިންމެވިކަން ހާމަކުރެއްވީ، ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ކަމުގެ މައުލޫމާތު ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، މި ބަދަލާއެކު 2025ވަނަ އަހަރު ދަރިވަރުންނަށް ޑިސެމްބަރު މަހު ޗުއްޓީ ލިބޭނެ ކަމަށެވެ.

"2025ވަަނަ އަހަރުގެ ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ. އެއީ އެންމެ ކުރިން އަޅުގަނޑުމެން ސްކޫލުގައި އުޅުނުއިރު ކަން ހިނގައިދިޔަ ގޮތަށް. އަދި ހަމައެއާއެކު 2026ވަނަ އަހަރުގެ އެކެޑަމިކް ކަލަންޑަރު ފެށިގެންދާނީ ޖެނުއަރީ މަހުގެ، ހަމަ އާންމުކޮށް އަޅުގަނޑުމެން ކުރިން ވެސް ފަށަމުން ދިޔަ އުސޫލަށް،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގޮތަށް ބަދަލުކުރުމުން، ޖުލައި މަހު ތިން ހަފުތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. އަދި ޑިސެމްބަރު މަހު ހަތަރު ހަފުތާގެ ޗުއްޓީއެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

މި ކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިރޭ "ސަން"އަށް ބުނީ، މިހާރު ފެށިފައިވާ ދިރާސީ އަހަރުގެ އެކި ކަންކަމަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާތައް މިހާރު ފެށިފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް ދެން އެ ކަމުގައި އަންނާނެ ބަދަލުތައް ހާމަކުރާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ޓޫރިޒަމްގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާތީކަމަށް ބުނެއެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނެވީ ދިރާސާކުރުމަށްފަހުގައެވެ. ނަމަވެސް ބަދަލު ގެނައުމާއެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިގައި މޫސުމީ ވިއްސާރަ އަންނަ ދުވަސްވަރަކަށް ވަތީ ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.

އެއާއެކު ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް އަލުން ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް