ސްކޫލެއްގެ 3 މުވައްޒަފަކު އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން: ސްކޫލެއްގެ 3 މުވައްޒަފަކު އެހެން މީހެއްގެ ނަމުގައި މުސާރައަށް 5 އަހަރުން 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވޭ --- ސަން ފޮޓޯ/ އަފުވާން ސޮލާހު

މާލޭގެ ސްކޫލެއްގެ ތިން މުވައްޒަފަކު، އެހެން މުވައްޒަފެއްގެ ނަމުގައި މުސާރައަށް ފަސް އަހަރު ތެރޭ 1.5 މިލިއަން ރުފިޔާ ނަގައިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ ސްކޫލެއްގެ ތިން މުވައްޒަފަކު 2021އިން ފެށިގެން، އެ ސްކޫލުން ވަކިވެފައިވާ މުވައްޒަފެއްގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނެގި މައްސަލައެކެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ނާސިހް ވަނީ އެފަދަ މައްސަލައެއް ފާހަގަވެފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެ މައްސަލައިގައި ތިން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމިކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި ހިމެނެނީ ސްކޫލެއްގެ ތިން މުވައްޒަފުން ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

މާލޭގެ ސްކޫލެއްގައި މަސައްކަތްކުރާ ތިން މުވައްޒަފަކު ގުޅިގެން، އެ ސްކޫލުން ވަޒީފާ ދޫކޮށް ގޮސްފައިވާ މުވައްޒަފެއްގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ނަގަމުންދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. 2021 ވަނަ އަހަރުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް މި އަމަލު ހިންގައި، ޖުމްލަ 1.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ނަގައިފައިވާކަން ވަނީ ހާމަވެފައެވެ. މި ސީރިއަސް މައްސަލައާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ މި އަމަލު ހިންގުމުގައި ބައިވެރިވި ތިން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމައިފައެވެ. އަދި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި މި މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

  • މާލޭގެ ސްކޫލެއްގެ ތިން މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ނަމުގައި މުސާރަ ނެގުން.
  • ފަސް އަހަރު ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާގެ ޚިޔާނާތް ވެފައިވުން.
  • މައްސަލައިގައި ޝާމިލުވާ ތިން މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނުން ވަޒީފާއިން ވަކިކުރުން.
  • މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އިތުރަށް ތަހުގީގު ކުރަމުން ދިއުން.
comment ކޮމެންޓް