ޑޮމެސްޓިކް ޓާމިނަލަށް ދަތުރުކުރަން ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދަނީ!

ވެލާނާ އެއާރޕޯޓްގައި ޓެކްސީތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭ ގޮތަށް އެމްއޭސީއެލުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ހަމަޖެއްސި، ނަމަވެސް ޓެކްސީތަކުން ޑޮމެސްޓިކް ޓާމިނަލާ ހިސާބަށް ދަތުރުކޮށްނުދޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް އެއްފަހަރާ ތިން ޓެކްސީ މަޑުކުރެވޭނެ ޖާގަ ކަނޑައަޅައި، އެ ހިދުމަތް ތައާރަފު ކުރީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މީގެ ކުރިން ވިދާޅުވިއެވެ.

މާލޭގެ މާފަންނުން ހުޅުލެއަށް ދިއުމަށް ޓެކްސީއަކަށް ގުޅީމެވެ. ދާން ބޭނުންވަނީ ވީީއައިއޭގެ ޑޮމެސްޓިކު ޓާމިނަލަށޭ ބުނީމެވެ. ވާހަކަ ދެއްކި ޑްރައިވަރު ބުނީ "ތިއީ މާ ދުރު. މާ ދުރުން ވަށާލާފައި އަންނަން ޖެހޭނީ. އިންޓަނޭޝަނަލަށް ފައިބާފައި، ހިނގާފަ ދިޔަޔަސް މާ ރަނގަޅުވާނެ،" ކަމަށެވެ.

ޑޮމެސްޓިކް ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެ ކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށް އެމްއޭސީއެލުން ވަނީ އަންގާފައެވެ.

އިތުރު ޓެކްސީއަކަށް ގުޅުމުން ވެސް ލިބުނީ އެއް ޖަވާބެކެވެ.

https://sun.mv/185887

"ޑޮމެސްޓިކް ޓާމިނަލާއި ހަމައަށް ކުރެވޭނީ 100 ރުފިޔާއަށް. އެއީ ވަރަށް ދުރު،" ޓެކްސީ ޑްރައިވަރު ބުންޏެވެ.

ސިނަމާލެ ބުރިޖުން މާލެއާއި އެއާޕޯޓާ ދޭތެރޭގެ ދަތުރުތަކަށް ޓެކްސީތަކުން 70 ރުފިޔާ ނަގާއިރު، ހުޅުމާލެ އާއި އެއާޕޯޓާ ދޭތެރޭގެ ދަތުރަކަށް ނަގަނީ 80 ރުފިޔާއެވެ. އަދި، ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެއާޕޯޓާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް 85 ރުފިޔާއެވެ.

މި ބަދަލާ ގުޅޭ ގޮތުން ޓެކްސީ ޑްރައިވަރަކު ބުނީ، މި ބަދަލަކީ "ނަމަކަށް" ކޮށްފައި އޮތް ކަމެއް ކަމަށެވެ. އެއީ، ކާގޯ އޭރިއާއާ ހިސާބުން ޔޫ ޓާން ނަގަން ޖެހުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އެ ހިސާބަށް ޓެކްސީތައް ދަތުރުކުރުމަކީ ކޮންމެހެން ގެންނަން ޖެހޭ ޒަރޫރީ ބަދަލެއް ނޫންކަމަށެވެ.

ޓެކްސީއެއް: ޓެކްސީތަކުން ޑޮމެސްޓިކް ޓާމިނަލަށް ދަތުރުނުކުރާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި، ގިނަ ޓެކްސީތައް ޑޮމެސްޓިކް ޓާމިނަލާ ހިސާބަށް ދަތުރުކުރަން ފަށައިފިނަމަ، އެ ސަރަހައްދުގެ ކާރޫބާރު ބޮޑުވެ، ތޮއްޖެހުމަށް މަގުފަހިވާނެކަމަށާއި، ޑްރައިވަރުން އެ ދަތުރުތައް ނުނަގަނީ މި ސަބަބުތަކަށްޓަކައި ކަމަށެވެ.

މިކަމާ ގުޅިގެން ފަސިންޖަރުންގެ ޝަކުވާ ބޮޑެވެ. ހާއްސަކޮށް މި ނިމުނު ދެ ހަފުތާއަކީ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި އަދި އާ އަހަރާއި ދިމާކޮށް ލިބުނު ޗުއްޓީއަށް ވުމުން، ގިނަ ބަޔަކު ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ހޯދައި، ޑޮމެސްޓިކް ޓާމިނަލުގެ ބޭނުންކޮށްފައެވެ.

ގިނަ ބަޔަކު، ރަށްރަށަށް ދަތުރުކުރީއިރު، ޑޮމެސްޓިކް ޓާމިނަލަށް ޓެކްސީ ދަތުރުތައް ނުކުރާތީ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ދަތުރެއް ކުރާނަމަ ކުރަނީ، މާލޭ މާފަންނުން، ހުޅުމާލެ ފޭސް ދޭއް ނިމޭ ހިސާބަށް ދަތުރުކުރާ އަގުގައެވެ. ކޮޅަކަށް 100 ރުފިޔާ ވެސް ބައެއް ކާރުތަކުން ނަގައެވެ.

comment ކޮމެންޓް