ކުރިއަށް އޮތް ތަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭ ގޮތް ހަމަޖައްސާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކާރުގައި ޑޮމެސްޓިކް ޓާމިނަލަށް ވަދެވޭގޮތް ހަމަޖައްސައި އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަރީފް ވިދާޅުވީ، މުސްތަގުބަލުގައި އެންމެ އިސްކަމެއް ދެއްވާނީ އެއާޕޯޓަށް ޚިދުމަތް ހޯދަން އަންނަ ފަސިންޖަރުންނަށް ވީ އެންމެ ފަސޭހަ ގޮތަކަށް ޙިދުމަތް ހޯދޭނެ މަގެއް ހޯދައިދިނުމަށް ކަމަށެވެ.
މިއަދުން ފެށިގެން އެއާޕޯޓަށްދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މަޑުކުރެވޭ ގޮތަށް ބަދަލު ގެނެސްފައިވަނީ އެހެންވެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލްގެ މަގު އިތުރަށް ތަރައްގީ ކުރުމަށް ފަހު އެއާޕޯޓާ ހަމައަށް ޓެކްސީ ޑްރޮޕް އޮފް ކުރުމުގެ އިތުރުން އެ ސަރަހައްދުން ޓެކްސީ ނެގޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
"އެރައިވަލް މީހުންނަށް މި ތަނުން [ޑޮމެސްޓިކް ޓާމިނަލްއާ ހަމައިން] ޓެކްސީ ނެގޭނެ ގޮތް ހަދައިދޭނަން. އެއީ މިހާރު ހަދަމުން އަންނަ މަގުތައް ޕޭވްކޮށް ހުރިހާ ކަމެއް ނިމުނީމައި. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލްއިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލްއާއި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދު ވެސް ދެމިތިބޭނެކަން،" އޭނާ ވިދާޅުވިއެވެ.
އަދި، ޓާމިނަލާ ހަމައަށް އެއްފަހަރާ ތިން ޓެކްސީ މަޑުކުރެވޭނެ ޖާގަ ކަނޑައަޅާފައިވާއިރު އެ ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެ ކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
"މި ތަނަށް މަޑު ކުރާނީ ތިން ޓެކްސީ. ކޮންމެ އެއްޗެއް މަޑުކުރުމަށް އޮންނާނެ ވަކި ވަގުތެއް ކަނޑައެޅިފައި. ޑްރޮޕްއޮފް ކޮށްފައި އެނބުރި ދާނީ އެ ކޮޅުގައި [އެހެންޏާ ވެސް ކާރުތައް މަޑުކުރާ ތަނުގައި] އޮންނަ ކިޔޫއަށް،" ޝަރީފް ވިދާޅުވިއެވެ.
އެހެންވެ، އެ ސަރަހައްދުގައި ތޮއްޖެހުމެއް ނޯންނާނެ ކަމަށާއި ޓްރެފިކް ފޮލޯ ބެލެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މިހާރު ވެސް އަންނަ އިންޓަނޭޝަނަލް ޑީޕާޗާއަށް ޓެކްސީތައް ހުއްޓާނެ. މި ޓާމިނަލަށް އަންނާނީ ހަމައެކަނި ޑޮމެސްޓިކް ޑިޕާޗާ ފަސިންޖަރުން އެކަނި،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހިދުމަތް އިތުރަށް ލުއި ފަސޭހަކޮށްދިނުމަށް އާ ކަންކަން ތައާރަފުކުރާނެ ކަމަށެވެ. އެގޮތުން މި މަހު އަންނަ އެންމެ ޕީކް ދުވަސް ވަރަށް ތައްޔާރުވުމުގެ ގޮތުން އެކަމުގެ މަސައްކަތްތައް ވެސް އެމްއޭސީއެލުން ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިނަމާލެ ބުރިޖުން މާލެއާއި އެއާޕޯޓާ ދޭތެރޭގެ ދަތުރުތަކަށް ޓެކްސީތަކުން މިހާރު 70 ރުފިޔާ ނަގާއިރު ހުޅުމާލެ އާއި އެއާޕޯޓާ ދޭތެރޭގެ ދަތުރަކަށް 80 ރުފިޔާ ނަގައެވެ. އަދި، ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެއާޕޯޓާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް 85 ރުފިޔާ ނަގައެވެ.