ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފައްދަން މަޝްވަރާ ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އުފައްދަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅިވެއްޖެއެވެ.

ރައީސް އޮފީހުގައި ހުންނަވައި ރައީސް މިއަދު ވިދާޅުވީ، މި ކަންކަމާ ގުޅިގެން މަޝްވަރާކުރަން ހަމަޖެހިފައިވަނީ މިއަދު އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

"މިއަދު ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި މަޝްވަރާ ކުރަން ނިންމާފައި. އޭގެ ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ ކަންކަމުގައި މަޝްވަރާ ކުރުން އެބަ އޮތް،" ރައީސް ވިދާޅުވިއެވެ.

ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ އިތުރުން، އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުން ކޮށްގެން ފައިސާ ދައްކަން ހުރި ހުރަސްތައް ނައްތައިލުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފުކުރުން ފަދަ މުހިންމު ކަންކަމާ މެދު މަޝްވަރާކުރުން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެބައޮތްކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.

comment ކޮމެންޓް