އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެ ގައުމުން ފޮނުވާލުމަށް ތައްޔާރުވަމުންދާކަމަށް އިރާގުން ބުނެފިއެވެ.
އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީ ވިދާޅުވީ އެމެރިކާ ސިފައިން ބޭލުމާ ގުޅުންހުރި ކަންތައްތަކަށް ޚާއްޞަ ކޮމެޓީއެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.
އެމެރިކާ ސިފައިން އިރާގުން ބާލާނެ ކަމަށް ސުދާނީ ވިދާޅުވެފައި ވަނީ އިރާގުގެ ވެރިރަށް ބަޣްދާދަށް އެމެރިކާއިން ޑްރޯން ހަމަލާއެއްދީފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާގައި އެ ގައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމުގައިވާ އަލް-ނަޖްބައުގެ ހަތަރު މީހުން ވަނީ މަރާލާފައެވެ.
އެމެރިކާ ސިފައިން އިރާގުން ބާލަން ބޭނުންވަނީ އެމެރިކާގެ އަސްކަރިއްޔާއިން އިރާގުގައި ހިންގާ އަސްކަރީ ހަރަކާތަށް ދާއިމީ ގޮތުން ނިމުމެއް ގެނައުމަށް ކަމަށް އިރާގު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ ކަމާ ގުޅުންހުރި ކޮމިޓީގައި އެމެރިކާއާއި އެގައުމާ ގުޅިފައިވާ ގައުމުތަކުގެ އަސްކަރީ ބޭފުޅުން ހިމެނޭނެ ކަމަށް އިރާގުން ބުނެއެވެ.
އައިއެސްއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިރާގުގައި އެމެރިކާގެ 2,500 ސިފައިން ހަރަކާތްތެރިވާއިރު، ސޫރިޔާގައި ވެސް އެމެރިކާގެ 900 އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އައިއެސްއާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައި ވަނީ 2014 ވަނަ އަހަރު އެ ޖަމާއަތުން އިރާގާއި ސޫރިޔާގެ ބިންތަކުގައި ނުފޫޒުގަދަކުރުމުންނެވެ.