ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރަން އަލުން ފަށައިފި

ބިންވެރިޔާ ސްކީމުން ބިން ދޫކުރުން -- ސަން ފޮޓޯ

ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތީގެ ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް އިއްޔެ އަލުން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހާޒިރުވާނެ ތާރީޚާއި ގަޑިއާއި ތަން ފޯނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ ކަމަށެވެ.

މީގެ އިތުރުން މިހާތަނަށް ހަވާލުކޮށްފައިވާ ގޯތީގެ ރަޖިސްޓަރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާހުކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މި އަންނަ ހަފުތާގެ ތެރޭގައި ގޯއްޗާއި ފްލެޓްވެރިންނަށް ރަޖިސްޓްރީ ހަދައިދީ ނިންމުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ. މީގެއިތުރުން، ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރަށް ބިން ހިއްކުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

އެ ދައުރު ނިމުމުގެ ކުރިން ގޯތިތަކުގެ ރަޖިސްޓްރީ ދޭން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ނިމިފައިނުވެއެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ހަވާލުކުރަން ނިންމީ 4،000 ފްލެޓެވެ.

comment ކޮމެންޓް