ފުލުހުންނާއި ސިފައިންގެ މުސާރަ ދެ މަހެއްހައި ދުވަހުގެ ތެރޭ ބޮޑުކުރަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ފުލުހުންނާއި ސިފައިންގެ މުސާރަ މި މަހު ބޮޑު ނުކުރެވުނު ނަމަވެސް ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭ ބޮޑުވާނެކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިއީ ވެރިކަމުގެ އެންމެ ފަހު ރަސްމީ ދުވަހުގެ އެންމެ ފަހު ވަގުތު، ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑާ އެއްގޮތަށް ބޮޑުކުރަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ސަރުކާރާއި މި ދެ އިދާރާގެ ތެރެއިން "ސަން"އަށް ޔަގީން ކުރެވިފައިވާ ގޮތުގައި އެ މަސައްކަތް ފަސްކޮށްފައިވަނީ މި ވަގުތު އެ ކަން ކުރުމުގެ މާލީ ތަނަވަސްކަން ދައުލަތުގައި ނެތުމުންނެވެ.

ނަމަވެސް ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭ މުސާރަތައް ބޮޑުވާނެކަމަށް ބެލެވޭކަމަށް ވެސް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ. އެއީ އަަހަރުގެ ފުރަތަމަ ކުއާޓަރު ތެރެއެވެ.

އެއާއެކު ކުރިއަށް އޮތް މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުސާރަތައް ބޮޑުވާނެކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިރޭ ވަނީ ވިދާޅުވެފައެވެ.

އެއާއެކު ޝިފާން އެކްސްގައި ވިދާޅުވީ އެ ކަން މާޗު އެކަކުން ފެށިގެންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގައިފައިވާކަމަށެވެ.

https://sun.mv/181111

ނަމަވެސް ސިފައިންނަށް މުސާރަ ބޮޑުވާނެ ތާރީޚު އަދި ނޭނގެއެވެ.

މި ކަން ފަސްކުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކޮށްދޭން ވައުދުވެލައްވައިފައެވެ.

comment ކޮމެންޓް