އަންނަ އަހަރުން ފެށިގެން ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ރައީސް ޞާލިހު ބ. ތުޅާދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ޖެނުއަރީ މަހުން ފެށިގެން ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ އިއުލާން ކުރައްވައިފިއެވެ.

ބ. ތުޅާދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ފާސްކުރާނީ ބޮޑު މުސާރައަށްވާ ފައިސާ ހިމަނައިގެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާ އެކީގައި އަންނަ ޖެނުއަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން. މިދެންނެވިހެން ސިފައިންނާއި ފުލުހުންނާއި ކަސްޓަމާއި އިމިގްރޭޝަން އާއި ކަރެކްޝަންސް އާއި ސިވިލްސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ރަނގަޅު ބޮޑު ބަދަލެއް މި އަންނަ ޖެނުއަރީ މަހުން ފެށިގެން އަންނަތަން ތިބޭފުޅުންނަށް ފެންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުސާރަތަކަށް އަންނަ ހެޔޮ ބަދަލާއެކު 44،208 މީހެއްގެ މުސާރަ ބޮޑުވާނެކަމަށެވެ.

"އަޅުގަނޑު ހިތުން މިއީ މިއިން ޒަމާނެއްގައި އެއްވެސް ސަރުުކާރަކުން ކޮށްފަ އޮތް ކަމެއް ވެސް ނޫން. ކުރަން ވިސްނާފައި އޮތް ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވިއެެވެ.

އެމަނިކުފާނު ވިދާޅުވީ އުފާވެރި ދިރިއުޅުމަކަށް ފުދުންތެރިކަމަކީ ވެސް މުހިންމު ކަމެއް ކަމަށާއި، މިނިމަމް ވޭޖަކީ އެ ފުދުންތެރިކަމަށް ކަނޑައެޅުނު މުހިންމު އެއްޗެއް ކަމަށެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، މިހާރު ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އައިސްފައިވާކަމަށެވެ. އެ ކަމުގެ ހެޔޮ ބަދަލު އެ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާއިލާތަކުން އިހުސާސްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޕޭ ހާމަނައިޒޭޝަން ނިންމާނީ ދައުލަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްގެންނޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ބަޖެޓުގައި އެ ބަދަލަށް ފައިސާ ހިމަނާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާ އެކީގައި އަންނަ ޖެނުއަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑުވާ މުސާރައާއެކު ބޮޑުވާނެ މިންވަރަށް ބަލާއިރު، މިހާރު ފުލުހުންގެ ކޮންސްޓެބަލަކަށް ލިބޭ 11،000 ރުފިޔާ ހެޔޮ ބަދަލާއެކު 15،400 އަށް ބޮޑުވާނެކަމަށެވެ.

މި ބަދަލުގައި އެވްރެޖްކޮށް ކޮންމެ މީހެއްގެ މުސާރައަށް 40 ޕަސެންޓު ހެޔޮ ބަދަލެއްގެ ގޮތުގައި އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އުފާވެރި އަމާން ދިރިއުޅުމަކަށް ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވައިި ރައީސް ވިދާޅުވީ އެ ކަންކަމުގެ ގިނަ މަސައްކަތްތަކެއް މި ދައުރުގައި ފެށިފައިވާކަމަށެވެ.

comment ކޮމެންޓް